ކައުންސިލެއްގެ ބިން ނަގާނީ ހަމައެކަނި ތަރައްގީގެ މަޝްރޫއުތަކަށް: ރައީސް

215b6a5d-cedd-4249-9780-81b626610723-scaled.jpg

ކައުންސިލްތަކުގެ އިޙްތިޞާސުގައި އޮންނަ ބިމެއް ދައުލަތަށް ނަގާނީ ހަމައެކަނި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މި ބިލަށް ތާއީދު ކުރުމަށް ނިންމީ މި ބިލް ފަރުމާކޮށްފައި އޮތްގޮތުން އަދި ފަހުން ގެނައި އިސްލާހުތަކުން، ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް މިހާރު އެކި ކައުންސިލްތަކުން ކުރިމަތި ކުރަމުންދާ ހުރަސްތަކަށް ހައްލެއް މި ބިލުން ލިބިގެންދާތީ ކަމަށެވެ.

ސަރުކާރުން ވެފައިވާ ވައްދުތައް ފުއްދުމަށް އެކި ރަށްރަށުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަރަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އިދިކޮޅު ސިޔާސީ ވިސްނުމުގެ ބައެއް ކައުންސިލްތަކުން ތަފާތު އެކި ހުރަސްތައް ކުރިމަތިކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލަސްތައް އަންނަމުންދާތީ ގާނޫނީ ހައްލެއް ގެނައުމަށް ބޭނުންވެފައި އޮތްކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކުން އެއްބާރުލުން ނުދީ ހުރަސްއަޅާނަމަ އެންމެ ފަހު ކަމަކަށް، އެ މަޝްރޫއުތައް ހިންގުމަށް އެ ބިންތައް ވަކިކުރުމުގެ އުސޫލު މި ބިލުގައި ކަނޑައެޅިފައިވާ ކަމަށެވެ. މިފަދަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ބިމެއް ވަކިކުރުމުގެ ކުރިން، މަޝްވަރާގެ އެކި މަރުހަލާތައް މި ބިލުގައި ހިމާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

”ހަގީގަތުގައި ސަރުކާރުން ބޭނުމެއް ނުވޭ ކައުންސިލްތަކުން ބިންތައް ވަކިކުރާކަށް. އެހެންނަމަވެސް ހުރަސް އަޅާކަމަށްވަންޏާ، އެތައް މަހެއް ލަސްވަމުންދަނީ، އެހެންވެއްޖިއްޔާ އެ ނޫންގޮތެއް ނެތެއްޖިއްޔާ އެބަޖެހޭ ބިންތައް ވަކިކޮށްގެން ނަމަވެސް މަޝްރޫއު ހިންގަން.“ ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އިހުތިސާސުން ބިން ވަކިކުރުމުގެ ކުރިން ބިލުގައި ކަނޑައަޅާފައިވާ އިޖުރާއަތްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވަޒީރުންގެ މަޖިލީހާ ހަމައަށް ބިމެއް ވަކިކުރަން ފޮނުވާއިރު ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ހުންނާނެ ކަމަށެވެ.

އެގޮތުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ މައުލޫމާތު އާންމުކޮށް އިއުލާން ކުރުމާއި އެކަމަށް ރައްޔިތުންގެ ހިޔާލު ހޯދަންވެސް ބިލުގައި ހިމަނާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ބިމެއް ކައުންސިލެއްގެ އިހުތިސާސުން ވަކިކުރުމުގެ ކުރިން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާއަކާއެކު މަޝްވަރާކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top