ގައުމީ ޓީމުގެ ކެޕްޓަނެއްގެ ޒިންމާ އަދާކުރެވޭނެތޯ ބެލުމަށް، ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޓީމުގެ ކެޕްޓަން ބޭންޑު ހަމްޒާ މުހައްމަދު އާ ހަވާލުކޮށްފިއެވެ.
ހަމްޒާއާ މި ޒިންމާ ހަވާލުކުރީ، އެ ޒިންމާ ނަގަމުން އައި ސަމޫޙު ޢަލީ (ސަމުއްޓޭ) ގައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ހިމަނާފައި ނުވުމުންނެވެ. ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް ސަމޫހު ނުނެގީ އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ފަރިތަކުރުންތަކުގައި ވެސް ބައިވެރިނުވެވުމުން ކަމަށް ބައެއް މަސްދަރުތައް ބުނެއެވެ.
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގައުމީ ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ ބުނީ، ހަމްޒާއަކީ ދަނޑުމަތީގައި ޓީމު ލީޑު ކުރާނެ ކުޅުންތެރިޔާ ކަމަށެވެ. އެހެން ނަމަވެސް ހަމްޒާއަކީ މިހާރު ގައުމީ ކެޕްޓަނެކޭ އަދި ނުބުނެވޭނެ ކަމަށް އުރުބާނީ ބުންޏެވެ.
”ހަމްޒާ މަސައްކަތްކުރާނީ ދަނޑުމަތީގައި ޓީމުގެ ލީޑަރެއްގެ ގޮތުގައި. އޭގެ މާނައެއް ނޫން އެއީ ހަމްޒާ އަކީ މިހާރު ގައުމީ ކެޕްޓަނެކޭ. ކެޕްޓަން ކަމަކީ ވަރަށް މަސައްކަތް ކޮށްގެން ހައްގުވާ ޝަރަފެއް. ހަމްޒާގެ ހުނަރުވެރިކަމާއި އޭނާ ކުރާ މަސައްކަތުން ސާބިތުވޭ އެކައެކަމަށް ގާބިލު ކަމަށް. އޭނައަށް ހައްގު ކަމެއްކަން އެއީ. މާދަމާގެ މެޗުގައި އަހަރެން ބަލަން ބޭނުންވަނީ އެވަރުގެ ލީޑަރަކަށް އޭނާއަށް ވެވިދާނެތޯ.“ ކޯޗު އިސްޓަވާން އުރުބާނީ ބުންޏެވެ.
އެހެންކަމުން ހޯމަ ދުވަހުގެރޭ ދިވެހިރާއްޖެއާ އަފްގާނިސްތާން ބައްދަލުކުރާ މެޗު ވެގެންދާނީ ހަމްޒާއަށް ހާއްސަ މެޗެއްގެ ގޮތުގައެވެ.
މިކަމާ ގުޅިގެން ހަމްޒާ ބުނީ، ގައުމީ ޓީމުގެ ކެޕްޓަން ބޭންޑު އެޅުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. ނަމަވެސް ދަނޑުމަތީގައި ހުރިހާ ކުޅުންތެރިންނަކީ ވެސް ކެޕްޓަނުން ކަމަށް ބުނެ، އެގޮތަށް ކުޅުންތެރިންނަށް ވިސްނާދީފައި ވާނެކަމަށް އޭނާ ބުންޏެވެ. .
މުބާރާތަށް އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑު މިހާރު ފައިނަލްކޮށްފައިވާއިރު، ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. އޭގެއިތުރުން އަލީ ފާސިރު (ސެންޓޭ) އަދި އަމްދާން އަލީ (އޭންޑީ) އާއި އަޙްމަދު އަބްދުﷲ (ލިލީ) ފާޙަގަކޮށްލެވެއެވެ.







