ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފެޑަރޭޝަނަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބ. އޭދަފުށީގައި އެފްއޭއެމްގެ ޑިވެލޮޕްމަންޓް އޮފީހެއް ގއިމް ކުރަން ނިންމައިފި އެވެ.
އޭދަފުށީގައި އެފްއޭއެމްގެ ޑިވެލޮޕްމަންޓް އޮފީހެއް ގާއިމްކުރަން ނިންމާފައިވާ އިރު ރީޖަނަލް އޮފީސްތައް ގާއިމުކުރާނެ ހަތަރު ސަރަހައްދެއްގެ ރަށްތައް އެފްއޭއެމް އިން ވަނީ ކަނޑައަޅައިފަ އެވެ.
އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ރޭ ބޭއްވި އެފްއޭއެމްގެ 16 ވަނަ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސްތައް ގާއިމްކުރާ ރަށްތައް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ނޯތު ރީޖަން ފުޓްބޯލް އެސޯސިއޭޝަންގެ އޮފީސް ހއ. ދިއްދޫގައި، ސެންޓްރަލް ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް އދ. މަހިބަދޫގައި، މާލެ ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް މާލޭގައި އަދި ސައުތު ރީޖަން ފުޓްބޯލް އެސޯސިއޭޝަން އޮފީސް ލ. ގަމުގައި ގާއިމްކުރަން ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ރާއްޖޭގެ ކުޅިވަރު ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައި ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މެއި މަހު 19 ވަނަ ދުވަހު ތަސްދީގު ކުރައްވާފައިވާ އިރު، އެ ގާނޫނުގައި އެސޯސިއޭޝަންތަކުގެ ދައުރު އަތޮޅު ތެރެއަަށް ފުޅާކޮށް، އަތޮޅު ތެރޭގެ ރީޖަނަލް އިދާރާތައް ގާއިމުކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ. އޭރުން ކުޅިވަރު އެސޯސިއޭޝަންތައް ފެޑަރޭޝަންތަކަށް ބަދަލުކުރުމަށް ފުރުސަތު ލިބޭނެއެވެ.
އެ ގާނޫނަށް މަގުފަހިވާނެހަން ކަންކަން ކުރުމަށް އެފްއޭއެމްއިން މިހާރު މުބާރާތްތަކުގެ ފޯމެޓްވެސް ރީޖަނަލް ފޯމެޓަށް ބަދަލުކޮށްފައިވާ އިރު، ރާއްޖެ ބަހާލާފައި ވަނީ ހަތަރު ރީޖަނަކަށެވެ. އެގޮތުން ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ހއ. ހދ. ށ، ނ، ރ، ބ، ޅ އަތޮޅު އަދި ކުޅުދުއްފުށި ސިޓީ ހިމެނޭ އިރު، ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ކ، އއ، އދ، ވ، މ، ފ، ދ އަތޮޅު ރަށްތައް ހިމެނޭނެއެވެ. ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ، އައްޑޫ ސިޓީގެ ކްލަބުތައް ހިމެނޭ އިރު، މާލެ ރީޖަން ފުޓްބޯޅަ އެސޯސިއޭޝަންހައި ހިމެނޭނީ މާލެ، ވިލިމާލެ، ހުޅުމާލޭގެ ކްލަބުތަކެވެ.
އެފްއޭއެމް ފެޑަރޭޝަނަކަށް ބަދަލުވެއްޖެނަމަ، ރީޖަނަލް އެސޯސިއޭޝަންތަކުގެ ކްލަބުތަކަށްވެސް ވޯޓުލުމުގެ ހައްގު ލިބިގެންދާނެއެވެ،





