ކަރަންޓުގެ މައްސަލާގައި ދޮންފަނުވެސް ކަންބޮޮޑުވުން ފާޅުކުރަނީ

IMG_20170207_100306.jpg

ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާތީ ދޮންފަނު ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކަމަށް އެރަށު ކައުންސިލް ގެ ރައީސް ވިދާޅުވެއްޖެއެވެ.

ވީނިއުސްއާ ވާހަކަ ދައްކަވަމުން ދޮންފަނު ކައުންސިލުގެ ރައީސް ހަނީފް އިބްރާހީމް ވިދާޅުވިކަމަށް އެނޫހުން ބުުނަނީ މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން އެރަށުން ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ލިބެމުންދާ ކަަމަށަާއި މިގޮތަށް ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންގެ އަގުބޮޑު ބައެއް މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ހަނީފު އިތުރަށް ވިދާޅުވީ ދޮންފަނުގައި ހަ ޖަނަރޭޓަރު ހުންނަ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބޭނުން ކުރެވެނީ ތިން ޖަނަރޭޓަރު ކަމަށާއި މުޅިރަށަށް ބޭނުންވާވަރަށް ކަރަންޓް ދެވެނީ އެތިން ޖެނެރޭޓަރު އެއްފަހަރާ ހިންގައިގެން ކަމުގައެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އޭދަފުށީގައި ހުންނަ ފެނަކަ ރީޖަނަލް އޮފީހާއި މަޝްވަރާކުރުމުން ބައެއް ރަށްރަށުގައި ބޭނުންކޮށް ބާވެފައިވާ ޖަނަރޭޓަރެއް އެރަށަށް ފޯރުކޮށްދީފައިވާ ކަމަށް ހަނީފު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް މިލިބެނީ ރަށްރަށުގައި ބޭނުންކޮށް ބާވެފައިވާ ކޮންޑިޝަން ދަށް ޖަނަރޭޓަރުތައް. އެވެސް މަރާމާތު ކޮށްކޮށްގެންވެސް އެއްވެސް ބޭނުމެއް ނުހިފޭ،” ހަނީފު ވިދާޅުވިއެވެ.

ހަނީފް ވިދާޅުވީ ކަރަންޓު ކެނޑުމަށްފަހު އެތަށް އިރެއްވަންދެންވެސް ކަރަންޓު ނުލިބި ދާކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް މާލޭގައި ހުންނަ ފެނަކަ ކޯޕަރޭޝަނަށް ހުށަހެޅި ނަމަވެސް އެއްވެސް ޖަވާބެއްވެސް ނުދޭތީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ.

“މީގެ ކުރިން މިއީ ރައްޔިތުންގެ އިންޖީނުގެއެއް ހުރި ރަށެއް. އޭރު މިފަދަ އެއްވެސް މައްސަލައެއް ދިމާނުވޭ. މިތަން ޔޫޓިލިޓީސްއަށް ބަދަލު ކުރި އިރުވެސް ރައްޔިތުންނަަކަށް އެއްވެސް އެއްޗެއްނުދޭ ނުވިތާކަށް 24 ގަޑި އިރު ހަމައަށް ކަރަންޓު ލިބޭ ކަމަަކަށްވެސް ނުވި. ތަކުރާރުކޮށް މިމައްސަލަ މާލޭގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ މެއިން ބްރާންޗަށް ހުށަހެޅި ނަމަވެސް އެބޭފުޅުންގެ އެއްވެސް ޖަވާބެއް ނުލިބޭ. އަޅުގަނޑުމެން މިތިބީ ގޮތް ހުސްވެފައި،” ކުރިއަށް ރޯދަމަސް އޮތް ކަން ފާހަގަކުރައްވާ ރައްޔިތުންނަށް ވާނެ ދަތިތައް ހަނީފް ވިދާޅުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 547 މީހުން ދިރިއުޅޭ ދޮންފަނުގައި މިހާރު ބޭނުން ކުރަމުންދަނީ 48 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 80 ކިލޯ ވޯޓުގެ 2 ޖަނަރޭޓަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top