އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަށްވާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން މި ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އީސީން ބުނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމަށް 2،994 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް، ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހު ކަމަށް އީސީން މަޢުލޫމާތު ދީފައިވެއެވެ.
އީސީ އިން ބުނީ އެދުވަހާ ހަމައަށް ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު އޮންނާނެކަމަށެވެ. އިންތިޚާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކުރެވި އެ ބިއުރޯއަށް މިހާތަނަށް ހަތަރު ޝަކުވާ ހުށަހަޅާފައިވާ އިރުއެ ޝަކުވާތަކުގެ ޖަވާބުވެސް ކޮމިޝަނުން ވަނީ ދީފައެވެ.
ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބު ކުރާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް 678 މެންބަރުން އިންތިޚާބު ކުރާނެއެވެ.
އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާމި އިންތިޚާބުގައި ޖުމުލަ 294،937 މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ.






