ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން 118 ބަނދަރެއްގެ މަސައްކަތް ކުރިއަށް އޮތް 19 މަސް ދުވަހުގެ ތެރޭގައި މުޅިން ނިންމައި، ރަށްރަށާ ހަވާލުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ކަނޑުމަގުގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މި ނިޒާމު ފުރިހަމަވެގެންދާނީ ރަށްރަށުގެ ލަފާފުރުމުގެ ވަސީލަތްތައް ތަރައްޤީކުރެވިގެން ކަމަށެވެ.
ބަނދަރުތަކުގެ މަޝްރޫއުތަކާ ގުޅޭ ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް ބަނދަރު ހެދުމުގެ 14 މަޝްރޫއެއްގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އަލަށް ސޮއިކުރެވުނު 33 މަޝްރޫއާއެކު، މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި 102 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 16 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމަށާއި، މި ހުރިހާ މަޝްރޫޢުތަކެއް (ޖުމްލަ 118 ބަނދަރު) ކުރިއަށް އޮތް 19 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތައް އަވަސްކުރުމަށާއި ޚަރަދު ކުޑަކުރުމުގެ ގޮތުން، ބަނދަރު ހެދުމަށް ބޭނުންވާ ބޮޑުހިލަ ގަނޑުކޮށް ރާއްޖެއަށް ގެނެސް ސްޓޮކްޕައިލް ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފަށާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.







