”ބެލެނިވެރިން ބޭނުންވާނަމަ ބޮޑުޗުއްޓީ ބަަދަލުކުރުމާމެދު ވިސްނާނެ“

296158_3_db632b8e12e4588677ee498f34ee39fb5bbf77e9_large.jpeg

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ -- ފޮޓޯ: ރައީސް އޮފީސް

ބެލެނިވެރިން ބޭނުންވާނަމަ ސްކޫލްތަކުގެ ބޮޑުޗުއްޓީ ކުރިން އޮތް ގޮތަށް ބަދަލު ކުރުމާމެދު ސަރުކާރުން ވިސްނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ކުރިން ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދެމުން އައީ އަހަރުގެ ފަހުކޮޅު އެވެ. އެގޮތް ބަދަލުކޮށް މިދިޔަ ދެއަހަރުވެސް ބޮޑުޗުއްޓީ ދެނީ ޗުއްޓީ ޖޫން/ޖުލައި ގައެވެ. އެއީ ރާއްޖެ އަށް ގަދައަށް ވިއްސާރަ  ދުވަސްވަރަކަށް ވާތީވެ ޗުއްޓީގައި ދަތުރުފަތުރު ނުކުރެވި ގޭގައި ތިބެން ޖެހުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބޮޑު ޗުއްޓީ ބަދަލުކުރުމާ މެދު އާއްމުންގެ ހުރި ކަންބޮޑުވުންތައް ސޯޝަލް މީޑިއާ އިން ފެންނަ ކަމަށާއި ނަމަވެސް ރަސްމީކޮށް އެކަމާ ގުޅޭ ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ނަމަވެސް ޗުއްޓީ ބަދަލުކުރަން ބޭނުންވެގެން ރަސްމީ ސިފައެއްގައި އެދިއްޖެނަމަ އެކަން ކުރުމާ މެދު ސަރުކާރުން ވިސްނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން ސްކޫލު ބޮޑު ޗުއްޓީ ދިމާވަނީ ކޮންމެ އަހަރެއްގެ ފަހުކޮޅަށެވެ. ނަމަވެސް 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމުގައި ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމާއި އޯ ލެވެލް އިމްތިހާނު ބާއްވާ ތާރީހު ފަސްވެގެން ދިއުމުން ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދިރާސީ އާ އަހަރު ފަށާ މުއްދަތު ބަދަލުކުރީއެވެ.

މިބަދަލާއެކު ސްކޫލު ބޮޑު ޗުއްޓީ ޖޫން ޖުލައި ވިއްސާރައާއި ދިމާވުމުގެ ސަބަބުން މޫސުން ގޯސްވެ ޗުއްޓީގެ ބޭނުން ނުހިފޭ ކަމަށް ބުނެ ބައެއް ބެލެނިވެރިންނާއި ޓީޗަރުން ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ ޖޫން ޖުލައިގެ މޫސުމަށް ބެލުމަށްފަހު، ހާލަތު ރަނގަޅު ނޫނިއްޔާ ބަދަލުކުރެވިދާނެ ކަމަށެވެ. ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫން ކަމަށާއި ޗުއްޓީ ބަދަލުކޮށްފި ނަމަ ދަރިވަރުންގެ ކިޔެވުމުން ހަ މަސް ގެއްލި މިހާރު ތިބި ދަރިވަރުންގެ ވަގުތުތައް ބޭކާރުވެގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top