ޕްލާސްޓިކް ކޮތަޅުން ނަގަމުން އަންނަ ފީއަށް ލުޔެއް ދިނުމަށްޓަކައި ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށެވެ. މި ބިލު ފާސްކުރުމަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުން ވަނީ ވޯޓު ދެއްވާފައެވެ.
މި އިސްލާހުގައި 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ދެ ރުފިޔާގެ ފީ ނެގުން ވަނީ އިސްތިސްނާކޮށްފަ އެވެ.
މީގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށުގައި އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށަށް ގެންދެވޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. މި ގޮތަށް ކުނި ގެންދެވޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށްވެސް އިސްލާހުގައިވެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށި ފަހުން މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މި ހިނގާ އަހަރުގެ މިހާތަނަށް 2،011،421 (ދެ މިލިއަން އެގާރަ ހާސް ހަތަރުސަތޭކަ އެކާވީސް) ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ.
މި ބިލުގައި އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި، ކުނި މެނޭޖުކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް މަގުފަހިކުރުން ހިމެނެއެވެ. އަދި އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތުތައް އެކުލަވާލުމާއި، ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީތަކުގެ ޕްލޭންތަކާ އެއްގޮތްކުރުން މި ބިލުން ވަނީ ލާޒިމްކޮށްފައެވެ.
މިބިލު ހުށައެޅުއްވި މެންބަރު އިބްރާހީމް ޝިފާޒް ވިދާޅުވީ، މި ގެނެވުނު އިސްލާހުގެ ސަބަބުން ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޮޑެތި ފަސޭހަތަކެއް ލިބި، ޤާނޫނު ތަންފީޒު ކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށެވެ.




