ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކާއި މަޖައްލާތަކުން އުސޫލެއްގެ ތެރެއިން ފީއެއް ނެގުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ނިންމައިފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްއެމްބީސީގެ ޑިރެކްޓަރ ބްރޯޑްކާސްޓް ރެގިއުލޭޝަން އިބްރާހިމް އަޝްރަފް ވިދާޅުވީ، ނޫސްތަކާއި މަޖައްލާތައް ރަޖިސްޓްރީކުރުމަށް ފީއެއްނެގުމަށް ނިންމާފައިވާކަމަށެވެ. މީގެކުރިންނަމަ، ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ފީ ދައްކާކަށެއް ނުޖެހެއެވެ.
އަޝްރަފް ވިދާޅުވިގޮތުގައި، މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހިންގާ މީޑިއާތަކަކީ މިހާރަށްވުރެ ހަރުދަނާ އަދި ޒިންމާދާރުކަމާއެކު ހިންގާ ތަންތަނަށް ހެދުމެވެ.
އަލަށް ކަނޑައެޅި އުސޫލުގެ ދަށުން ނޫހެއް ރަޖިސްޓްރީކުރުމަށް 5،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. އަދި މިގޮތަށް ރަޖިސްޓްރީކޮށްދޭނީ 5 އަހަރުގެ މުއްދަތަށެވެ. މަޖައްލާތަކަށް ކަނޑައަޅާފައިވާ ފީއަކީ 3،750 ރުފިޔާއެވެ. މީގެ އިތުރުން، ކޮންމެ ރަޖިސްޓްރޭޝަނަކާ ގުޅޭ އިދާރީ މަސައްކަތްތަކަށް (ޕްރޮސެސިން ފީ) 100 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމާފައެވެ.
އެމްއެމްބީސީން މިހާރު ވަނީ ނޫސް މަޖައްލާތައް ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ދަފްތަރުގައި ހިމެނުމަށް މީޑިއާތަކަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ނަމަވެސް، ނޫސްތައް ރަޖިސްޓްރީކުރުމަށް ބޮޑު އަދަދަކުން ފީއެއް ނަގަން ނިންމުމާ ގުޅިގެން، ބައެއް ނޫސްވެރިންނާއި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.






