މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމޭއިރު ހުރިހާ މަސައްކަތްތަކެއްގެ ބާރުވެރިކަން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް) ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ހިމެނޭ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް އިތުރު ކުރަން، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބަހުސްގައި، އެބިލަށް ފާޑު ވިދާޅުވެ އިދިކޮޅު އެމްޑީޕީ މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މި އިސްލާހަށް ފާޑުކިޔަމުން އެމްޑީޕީ މެންބަރުން ވިދާޅުވީ، ދިވެހި ކުންފުނިތަކަށް ފައިދާ ވާނީ އެ ކުންފުނިތަކަށް ސަރުކާރުން ދޭން އޮތް ފައިސާ ދީ ހަމަކުރުމުން ކަމަށެވެ. އަދި ގާނޫނަށް އިސްލާހު ގެނެސްގެން ބޭރު ކުންފުނިތަކުން ނަގާ ޓެކްސް ބޮޑުކުރި ނަމަވެސް، ސަރުކާރު ޕްރޮޖެކްޓްތައް ދައުލަތުގެ ކުންފުނިތަކަށް ދީ އެ ކުންފުނިތަކުން ޕްރޮޖެކްޓްތައް އަނެއްކާ ބޭރު ކުންފުނިތަަކަށް ދޭނަމަ ދިވެހި ކުންފުނިތަކަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
އެގޮތުން ބޭންކު އޮފް މޯލްޑިވްސް އިންނާއި އެމްއޭސީއެލް އިން ކުރިއަށް ގެންދަން ފްލެޓް ޕްރޮޖެކްޓްތައް އެ ކުންފުނިތަކުން، ޗައިނާ އާއި އިންޑިއާގެ ކުންފުނިތަކަށް ދީފައިވާ ކަމަށްވެސް އެ މެންބަރުން ތުހުމަތު ކުރެއްވިއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ، ސަރުކާރުން އެ ބިލު ހުށަހަޅާފައިވަނީ ބޭރު ކުންފުނިތަކުގެ ޓެކްސް ބޮޑުކުރަން ކަމަށާއި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ކުންފުނިތަަކަށް މަސައްކަތް ލިބި ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
“މި ދައުރު ނިމޭއިރުގައި ދިވެހިންނަށް އަދި ކޮންސްޓްރަކްޝަން ވިޔަސް އެހެންކަމެއް ވިޔަސް މިހުރިހާ މަސައްކަތެއްގެ ބާރުވެރިކަން ދިވެހިންނަށް ލިބިގެންދާނެ، މިއީ ޝައްކެއް އޮތް ކަމެއްވެސް ނޫން މީގެ ފައިދާ ވާނީ ކޮސްޓްރަކްޝަން ކުންފުނިތަކަށް އަދި ވިޔަފާރިވެރިންނަށް،”
ބިލު ކިތަންމެ ރަނގަޅު ވިޔަސް އިދިކޮޅު ފަރާތްތަކުން ފާޑުކިޔާކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ، ކޮންމެ ބިލެއް ދިރާސާކޮށްލުމަށްފަހު، އެ ބިލަކީ ގޯސް ބިލެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުން ދާ ކަމަށެވެ.
”މަޖިލީހަށް އަންނަނީ ހިތައް އެރި އެއްޗެއް ގޮވާކަށެއް ނޫން، އެހެން ނަމަވެސް ބައެއް ފަހަރު އެބައިމީހުން ގޮވީމަ ހިތަށްއަރާ އެއްޗެހި ގޮވަންވެސް އެބަޖެހޭ، އެހާލަތުވެސް އެބައާދޭ އެހާލަތު އައީމަ އެހާލަތަށް ނުގޮސް ވާކަށްވެސް ނޯވޭ، އެބަޔަކުވެއްޓޭ ފެންވަރަކަށް ނުވެއްޓިވެސް މި މަޖިލީހުގައި އުޅެވޭކަށް ނެތް،“ސަލީމް ވިދާޅުވި އެވެ.




