ސްކޫލަށް ނުދާ ދަރިވަރުންނަށް ފިޔަވަޅު އަޅާނެ

main_20260707_112013.jpg

އެއްވެސް އުޒުރެއް ނެތި، ދަރިވަރުން ސްކޫލަށް ނުދާ މައްސަލަ މި ދުވަސްވަރު ބޮޑުވެފައިވާތީ އެކަމާއި ގުޅިގެން ފިޔަވަޅު އެޅުމަށް ސުކޫލުތަކަށް އަންގަވާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.

ކުރިން މިނިސްޓަރު ވިދާޅުވެފައި ވަނީ މި ދުވަސްވަރު 8،000 އެއްހާ ދަރިވަރުން ސުކޫލަށް ނުދާކަން ފާހަގަވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާ ގުޅޭ ގޮތުން މެންބަރަކު ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ، ސުކޫލަށް ނުދާ ދަރިވަރުން ދެނެގަނެ އެކަމަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ފެށުނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށެވެ.

“އޭރު ސުކޫލަށް ނުދާކުދިން ދެނެގަނެ، ސުކޫލަށް ކުދިން ގެނައުމުގެ މަސައްކަތް ފެށިގެން ދިޔައީ. ނަމަވެސް އެމްޑީޕީއަށް ވެރިކަން ލިބުމާއެކު މި މޮނިޓަރިން މެކެނިޒަމް ވަރަށް ބޮޑަށް ދަށްވެގެން ދިޔައީ. އެޓެންޑެންސް ޕޮލިސީއެއް އޮވޭ،” ޝަފީއު ވިދާޅުވި އެވެ. “އެކަމަކު އޭގައި ވާގޮތުން ސުކޫލުތަކުން ރިޕޯޓްކުރަން މިޖެހެނީ މިހާ ކުދިން ނަދެޔޭ. ވަކި މުއްދަތުތަކެއް ހުރޭ. ތިން ދުވަސް. 10 ދުވަސް. އެގޮތަށް ކަނޑައަޅަފައި ހުރޭ ލޯންގް އެބްޒެންޓިޒަމަކީ 10 ދުވަހޭ. ޖެހިޖެހިގެން ތިން ދުވަހު ނައިއްސި ނަމަ ރިޕޯޓްކުރަން ޖެހޭނެއޭ. މިނިސްޓްރީއަށް ލިބެމުން ދިޔައީ އެ މައުލޫމާތު ސުކޫލްތަކުން ފޮނުވީމަ.”

އޭނަ ވިދާޅުވީ ކޮންމެ ދުވަހެއްގެ އެޑެންޑެންސް މިނިސްޓްރީއަށް ފޮނުވަން މިހާރު މަޖުބޫރުވާނެ ކަމަށާއި، އެގޮތަށް ފޮނުވުމުގެ ތެރެއިން ގިނަ ދަރިވަރުންތަކެއް ސުކޫލަށް ނުދާކަން ދެނެގަނެވުނު ކަމަށެވެ.

“މިއީ އަޅުގަނޑުމެން ކަނބޮޑުވާން ޖެހޭ ކަމެއް. މެންބަރުންވެސް، ބެލެނިވެރިންވެސް، މުދައްރިސުންވެސް، ރަށުގެ އެންމެން ވެސް ކަންބޮޑުވާންޖެހޭ ކަމެއް،” ޝަފީއު ވިދާޅުވި އެވެ. “ސްކޫލަށް ކުއްޖަކު ނުދިޔުމަކީ އޭގެ ނޭދެވޭ އަސަރު މުޅި ގައުމުގެ ހިޔުމަން ކެޕިޓަލް ޑިވޮލަޕްމަންޓަށް ކުރާނެ ކަމެއް.”

މި މައްސަލަ ހައްލުކުރުމަށްޓަކައި މިދިޔަ ދެ ހަފުތާގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ސީދާ ބައްދަލުކޮށް، ހާޒިރުނުވާ ކުދިންނާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިރުޝާދު ދީފައިވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

އަދި ދަރިވަރަކު ސްކޫލަށް ނުގޮސް ހުންނަ ހުރުން އެއީ ދޫކޮށްލާނެ ކަމެއް ނޫން ކަމުގެ ޔަގީންކަންވެސް މިނިސްޓަރު މިއަދު ވަނީ ދެއްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top