ވިއްސާރަ ދުވަސްދުވަހު ބ. ކެންދޫގެ ބޮޑެތި މަގުތަކުގައި ހެދޭ ބޮޑެތި ފެންގަނޑުތައް ހިންދަން ރަށުގެ ދެސަރަހައްދެއްގައި ކާނުހަދަން، ކެންދޫ ކައުންސިލުން ނިންމައިފިއެވެ.
ކެންދޫ ކައުންސިލުން ބުނީ ކާނުހަދަން ނިންމީ މިމައްސަލައަކީ ރަށުގެ އާންމު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލައަކަށްވެފައި، މިކަމަށް އެދެވޭ ހައްލެއްހޯދުމަށް ކުރެވުނު ދިރާސާތަކުން ކާނު ހަދައިގެން ހައްލުލިބޭނެކަމަށް ފެންނާތީ ކަމަށެވެ. ކެންދޫ ކައުންސިލްގެ މެމްބަރ އިބްރާހީމް އަބްދުއްރަހްމާން އީވީއަށް ވިދާޅުވީ ކާނުހަދަން ނިންމީ އެންމެ ބޮޑަށް ފެން ބޮޑުވާ ދެސަރަހައްދުގައި ކަމަށާ، ކާނު މެދުވެރިކޮށް ދެސަރަހައްދުގެ ފެން ގޮނޑުދޮށަށް ބޭރުކުރެވޭނެކަމަށެވެ.
“ވިއްސާރަ ވެއްޖެއްޔާ ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވޭ. ރައްޔިތުންނަށް އިންތިހާއަށް ދަތިވަމުންއަންނަނީ. އެހެންވީމާ މިނޫންގޮތެއް ނެތް. އަޅުގަނޑުމެން މިވަގުތު މިނިންމީ ރަށުގެ އެންމެ ބޮޑަށް ފެންބޮޑުވާ ދެ ސަރަހައްދުގައި ކާނު ހަދަން. ކާނު މެދުވެރިކޮށް ގޮނޑުދޮށަށް ފެން ފޮނުވާނީ ހޮޅިއެއް މެދުވެރިކޮށް.” އެމްޑީޕީ މެމްބަރ އިބްރާހީމް ވިދާޅުވިއެވެ.

ކެންދޫ ކައުންސިލް މެމްބަރ އިބްރާހީމް އަބްދުއްރަހްމާން. އޭނާ ވިދާޅުވީ ރަށުގެ ދެސަރަހައްދެއްގައި ކާނުހަދަން ނިންމާފައިވާކަމަށް / ފޮޓޯ: ފޭސްބުކް
އިބްރާހީމް ވިދާޅުވީ މިމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރު އިއްލާން ކުރެވިފައިވާކަމަށާ، އަންނަ އަހަރު ކުރީކޮޅު މަސައްކަތް ފެށޭވަރުވަނޭކަމަށެވެ. އިބްރާހީމް ވިދާޅުވީ މިކަމަށް ހަރަދުކުރާނީ ރައްޔިތުންގެ މާލިއްޔާއިންކަމަށާ، އެހެންނަމަވެސް އިތުރު އެހީތައް ލިބޭތޯ ބަލަމުން އަންނަކަމަށެވެ.
1300 އެއްހާ މީހުންގެ އާބާދީއެއް އޮތް ކެންދޫގެ މީހުންދިރިއުޅޭ ސަރަހައްދުތަކުގެ ބޮޑެތި މަގުތަކުގައި ވިއްސާރަ މޫސުމާ ދިމާކޮށް ކޮންމެ އަހަރަކުވެސް ދެފޫޓެއްހާ ފުންމިނުގެ ފެންގަނޑުތައް ހެދެއެވެ. މިފެންގަނޑުތައް ހިއްކުމަށް އެމްއެންޑިއެފާއި، ފުލުހުންވެސް އެރަށުގައި މީގެކުރިން ހަރަކާތްތެރިވެފައިވެއެވެ.