އަޑުފޮށި: ކްލަބް ކޮންބިނޭޝަން ހަބަރެއްނެތް! ހަރަކާތްތައް ހުއްޓުނީތޯ؟

10308749_770073383023144_2756940915402105636_n.jpg

ސީސީއިން ބޭއްވި ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ތެރެއިން / ފޮޓޯ: ސީސީ ފޭސްބުކް ޕޭޖް

ނޯޓް :”އަޑުފޮށި މި ސެގްމަންޓަކީ ބ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޖަވާބު ލިބުން ބޭނުންވާ ސުވާލުތަކެއް ހުށަހަޅާލުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސެގްމެންޓެކެވެ. ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރަމުން ގެންދާ ކަމަކަާ ބެހޭ ގޮތުން ކަމަށް ވިޔަސް އެއީ ރައްޔިތުންނާ ގުޅުން ހުރި ކަމެއްކަމުގައިވާނަމަ އެކަމުގެ މައުލޫމާތު މި ސަފްހާ މެދުވެރިކޮށް ހިއްސާ ކުރާނަމުއެވެ.

މިފަހަރުގެ ސުވާލު އަމާޒުކުރެވިފައިވަނީ އޭދަފުށީގެ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ކްލަބް ކޮންބިނޭޝަން އަށެވެ. މީގެ ބާރަވަރަކަށް އަހަރުކުރިން އުފެދުނު ކްލަބް ކޮންބިނޭޝަން އަކީ އޭދަފުށީ ޒުވާނުންތަކެއް އިސްނަގައިގެން އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. ޖަމްއިއްޔާ އުފެދިގެން އަދި ދުވަސްކޮޅު ރަށުގެ ގިނަ ދާއިރާތަކެއްގައި ޖަމްއިއްޔާގެ ހަރާކާތްތައް ފެނުނެވެ. އެގޮތުން ކުނި މެނޭޖް ކުރުމުގައި ރައްޔިތުން ހޭލުންތެރިކުރުމަށް ރަށުގެ އެކިސަރަހައްދުތަކުގައި ޑަސްބިން ބެހެއްޓުމާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އިންތިޒާމްކޮށް ހިންގުން ފާހަގަކޮށްލެވެއެވެ.

ސުވާލު: ކްލަބް ކޮންބިނޭޝަނަކީ މީގެ އަހަރުތަކެއް ކުރިން ވަރަށް ހަރަކާތްތެރި ޖަމްއިއްޔާއެކެވެ. ނަމަވެސް ފަހަކަށް އައިސް ޖަމްއިއްޔާގެ އަޑު އެއްގޮތަކަށް ނީވޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޖަމްއިއްޔާގެ ހަރަކާތްތައް ހުއްޓުނީތޯ؟ ކޮބާތޯ މައްސަލައަކީ؟

ސީސީގެ ޗެއާމަން ޝާފީ

ޖަވާބު: (ކްލަބް ކޮންބިނޭޝަންގެ ޗެއާމަން ޝާފީ އަލީ)

“ރަނގަޅު ވާހަކައެއް ތިވިދާޅުވީ. ސީސީގެ ހަރަކާތްތައް މިދިޔަ ދެތިން އަހަރު ގާތްގަނޑަކަށް މިއޮތީ ހުއްޓިފައި. ސަބަބުތަކެއްވެސް ހުރެގެން މިހެން ދިމާވެފައި މިއޮތީ. އެއްކަމަކީ ސިޔާސީކަންކަން މާބޮޑުވުން. ކްލަބުން ކަމެއް ކުރަންބަލާއިރު ސިޔާސީކަންކަން ނުވަދެ މިހާރު ކަމެއް ކުރަން ވަރަށް އުނދަގޫ. އެންމެ ބޮޑު މައްސަލައަކީ ފައިނޭންސް. ކުރިންހާ ފަސޭހައެއްނޫން މިހާރު ފަންޑު ހޯދާކަށް. އެހެންނެއްނޫން ސިޔާސީ ފަރާތްތަކުން ވަރަށް ރަނގަޅު ހުށައެޅުންތައް ލިބޭ މިދިޔަ ދުވަސްތަކުގައިވެސް. އެކަމަކު ވަރަށް ސާފުކޮށް ދަންނަވަންކެރޭ އެކަހަލަ އެއްވެސް ފައިސާއެއްގައި ސީސީ އަދި ނުޖެހެން. ސީސީގެ ޕްލޭންތައް ކުރިޔަށް އެބަހުރި. އަންނަމަހު އޮންނަ ކްލަބް އިންތިހާބަށްފަހު ގަބޫލުކުރެވެނީ އަނެއްކާވެސް ސީސީގެ ހަރަކާތްތައް ކުރިޔަށްދާނެހެން. ސީސީގެ ހަރަކާތްތައް ހުއްޓިފައި އޮތަސް ކްލަބުން އޭދަފުށިގައި ކުރިޔަށް ގެންދަން ބޭނުންވި އެންމެ ބޮޑު އެއްކަމަކީ ފުޓްބޯޅަ އެކަޑަމީއެއްގެ ކަންތައް. އެކަން މިހާރު ރަށުގައި ކުރިޔަށްދޭ އެބަ. އަދި ސީސީގެ ފަރާތުން އެކަމުގައި ޓެކްނިކަލީ އެހީތެރިކަން ދެމުންގެންދާކަންވެސް ފާހަގަކޮށްލަން މިފުރުސަތުގައި.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top