ދިވެހިގައުމީ އެއާލައިން، މޯލްޑިވިއަން އިން ބ. ދަރަވަންދުއަށް ކުރަމުން އައި ދަތުރުތައް މެދު ކެނޑިފައި އޮތުމަށްފަހު އަލުން ފެށުމަށް ނިންމައިފި އެވެ.
އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސް) އިން ބުނީ ދަރަވަންދޫ އެއާޕޯޓަށް ކުރާ ދަތުރުތައް ޖޫން 15 ވަނަ ދުވަހު ފަށާނެ ކަމަށާއި ކޮންމެ ދުވަހަކު ވެސް ދެ ފްލައިޓް ދަރަވަންދޫއަށް ދަތުރު ކުރާނެ ކަމަށެވެ.
ދަރަވަންދޫއަށް މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕާއި ކޯލްސެންޓަރު މެދުވެރިކޮށް އަދި ޓިކެޓިން އެޖެންޓުން މެދުވެރިކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ދުރާލައި ޓިކެޓް ނެގުމުން 5 ޕަސެންޓާއި 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ. ދަރަވަންދޫއަށް އެއްކޮޅު ޓިކެޓުގެ އަގަކީ 1125 ރުފިޔާއެވެ.
މޯލްޑިވިއަނުން ދަރަވަންދޫއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލީ 2019 ވަނަ އަހަރުއެވެ.
ދަރަވަންދޫއަށް މިހާރު ދަތުރުކުރަމުން އަންނަނީ ފްލައިމީ އާއި މަންޓާ އެއާ އިންނެވެ.