ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ކަމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިޚާބުކޮށްފި އެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅައި މަޖިލީހުގެ ތަޅުމުން މިއަދުވަނީ ފާސްކޮށްފަ އެވެ. އޭގެފަހުން އޮތީ ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން އިންތިޚާބު ކުރުމެވެ.
ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ހޮވުމަށް ނެގި ވޯޓުން ސަލީމްގެ ނަން ފާސްކޮށްފައިވަނީ އެ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެެވެ. މި ކޮމިޓީގެ ނައިބު މުގައްރިރަކަށް ފަލާހު އައްޔަންކޮށްފައިވާއިރު، އޭނާއަކީ ޕީއެންސީގެ ޕީޖީ ލީޑަރުވެސްމެއެވެ.
ކޮމިޓީއާ ހަވާލުވެ ވަޑައިގަތުމަށްފަހު ސަލީމް ވިދާޅުވީ 241 ކޮމިޓީއަކީ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ކޮމިޓީއެއް ކަމަށެވެ. އެހެން ކަމުން އެ ކޮމިޓީގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިޔަށް ގެންދެވުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށާއި ދިރާސާ ކުރުމަށް ފަހު، ވަރަށް އަވަހަށް އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ 241 ކޮމިޓީއަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާއިން ބާރުލިބިގެން އުފައްދާފައިވާ ކޮމިޓީއެކެވެ.
241 ކޮމެޓީގެ މުގައްރިރު ކަމުގެ އިތުރުން ސަލީމް ވަނީ މާލިއްޔަތު ކޮމެޓީގެ ނައިބު މުގައްރަރު ކަމަށްވެސް އިންތިޚާބު ކޮށްފަ އެވެ. މިކޮމެޓީގެ މުގައްރިރަކީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާޙީމް އެވެ.
މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމެވެ. އަދި ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި، ގައުމީ ސަލާމަތުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމެވެ.