ޕެނަލްޓީގައި އޭދަފުށި ބަލިކޮށް ގާފަރުން ޒޯން 3 ގެ ޗެމްޕިއަންކަން ހޯދައިފި

img-2562-1536x1025-1.jpeg

”ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024“ ޒޯން 3 ގެ ފައިނަލުގައި ރޭ އޭދަފުއްޓާއި ގާފަރު ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީން އޭދަފުށި ބަލިވެއްޖެ އެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލް މެޗުގައި، މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ އޭދަފުށި ބަލިކޮށް ޒޯން ތިނެއްގެ ޗެމްޕިއަންކަން ގާފަރުން ހޯދީ ޕެނަލްޓީގައި 6-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

އޭދަފުށިން ޒޯން ތިނެއްގެ ފައިނަލުން ޖާގައެއް ހޯދީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގާފަރުން ފައިނަލުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިދެޓީމު ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސް ގާފަރުން ނެވެ.

މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އޭދަފުށިން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ ފާސިރު (ސެންޓޭ) އެވެ.

މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ސެންޓޭ ކުޅެންނުކުތްތާ 10 ސިކުންތު ނުވަނީސް ގާފަރު ހާފު މެދެންހާ ހިސާބުން ލިބުނު ފުރުސަތެއްގައި ފޮނުވާލި ބާރު ހަމަލާއެއް ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭދަފުށީގެ މިލަނޑާއެކު ގާފަރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ރިމާހް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ގާފަރުގެ ފުރަތަމަ ޕެނަލްޓީ ރިމޭ ކާމިޔާބު ކުރި އިރު އޭދަފުށީގެ ސެންޓޭވެސް ވަނީ ޖެހި ޕެންލަޓީ ކާމިޔާބުކޮށްފައެވެ. ގާފަރުގެ ދެވަނަ ޕެނަލްޓީ ސާމިން ކާމިޔާބުކުރި އިރު އޭދަފުށީގެ ފާއްޓޭ ފޮނުވާލި ޕެންލަޓީ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޕެނަލްޓީ އަށް ނިކުތް ކީޕަރު ސައްމާނު ހިފަހައްޓާފައެވެ. ގާފަރުގެ 3 ވަނަ ޕެނަލްޓީ ޝަނާނު ވަނީ ކާމިޔާބުކޮށްފައެވެ. އޭދަފުށީގެ ސައްޓުވެސް ޕެނެލްޓީ ކާމިޔާބުކުރިއިރު ގާފަރުގެ 4 ވަނަ ޕެނަލްޓީ ވަނީ އެ ޓީމުގެ މައްޓު ކާމިޔާބު ކޮށްފައެވެ. އޭދަފުށިގެ ސޮބީ ވެސް ޕެންލަޓީ ކާމިޔާބުކުރި އިރު މެޗުން މޮޅުވި ޕެނަލްޓީ ގާފަރަށް ކާމިޔާބުކޮށްދިނީ އަޒްޔާނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top