ބ.، ޅ.، އަދި މ. އަތޮޅުގެ ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުން މިހާރު ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
މި ނިންމުމަކީ ދައުލަތުގެ ޚިދުމަތްތައް ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަވަމުންދާ ބޮޑެތި އިސްލާހީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެެއްކަމަށް ސަރުކާރުން ބުނެއެވެ. މީގެ މައިގަނޑު މަގުސަދަކީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުމާއި މަސައްކަތުގެ ހިންގުން ހަރުދަނާކޮށް އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށްވެސް ސަރުކާރުން ބުނެ އެވެ.
މިކަން ތަންފީޒުކުރުމުގެ ގޮތުން އިއްޔެ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ތައުފީޤެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ.އަލީ އަޒުހަރުއެވެ.
މި ބަދަލު ގެނައުމަށް ނިންމީ، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެއެވެ.
މިއަދު ވެވުނު އެއްބަސްވުމާއެކު، ބ، ޅ އަދި މ އަތޮޅުގެ 25 ރަށުގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދެމުން ގެންދާނީ ސްޓެލްކޯއިންނެވެ.
ސްޓެލްކޯއިން މިހާރުވެސް ދަނީ ކ.، ވ.، އއ.، އަދި އދ. އަތޮޅުގެ ރަށްރަށުގައި ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.







