ބައިނަލްއަގްވާމީ ގޮތުން މިއަދު (12މޭ 2026 ) ފާހަގަކުރާ ނަރުހުންގެ ދުވަސް ބ އަތޮޅު ހޮސްޕިޓަލުގައި ކުލަގަދަކޮށް ފާހަގަކުރަން ފަށައިފި އެވެ.
ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތައް މީގެ ދެ ދުވަސް ކުރިން ފަށާފައިވާ އިރު މިއަދު ހެނދުނު ހޮސްޕިޓަލްގެ ނަރުހުން އެތަނުގެ މުވައްޒަފުންނަށް މަރުހަބާ ކިޔާފައިވަނީ ނަރުހުންގެ ފަރާތުން ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވެދުން ކުރި ހެނދުނު ގެ ބްރެކްފާސްޓް އަކުންނެވެ. މި ބްރެކް ފާސްޓް ފެށުމުގެ ކުރިން ބ. ހޮސްޕިޓަލުގެ ސީނިއަރ ރަޖިސްޓަޑް ނާސް، އާޒިމާ އަބްދުއްރަހީމް ވަނީ ނަރުހުންނާ މުޚާތަބު ކުރައްވައި ދުވަހާ މުނާސަބު ވާހަކަ ކޮޅެއް ހިއްސާ ކުރައްވާފަ އެވެ.
އާޒިމާ ވިދާޅުވީ ނަރުހުންނަކީ ބައެއް ފަހަރު 24 ގަޑިއިރު އާއިލާ އާއި ދުރުގައި ބަލި މީހުންގެ ޚިދުމަތުގައި ހޭދަކުރަންޖެހޭ ބައެއްކަމަށާއި އެއީ އިންސާނިއްޔަތު ކަމުގެ ގޮތުން ބަލާއިރުވެސް އެހެން އެއްވެސް ޚިދުމަތަކާ އަޅާ ނުކިޔޭނެ އަގުބޮޑު ޚިދުމަތެއް ކަމުގަ އެވެ. އަދި އެއީ ފައިސާއިން މިނެކިރޭނެ ޚިދުމަތެއް ނޫންކަން އާޒިމާ ފާހަގަކުރެއްވި އެވެ. ބަލިމީހެއްގެ ހާލަތު ވަޒަންކުރުމުގައި ނަރުހުން އަދާކުރާ ދައުރަކީ ފުރާނައާ ގުޅިފައިވާ ކަމެއްކަމަށާއި އެއީ މުޅި ސިއްހީ ނިޒާމުގެ ވިންދު ކަމުގައި އާޒިމާ ވިދާޅުވި އެވެ.
”ނަރުހުންނަކީ އެމީހުންގެ އަމިއްލަ ހިތާމަތަކާއި އުދާސްތައް ހިތުގައި އޮއްބާލައިގެން އެހެންމީހުންނަށް ޓަކާ ހިނިތުންވާން މަޖުބޫރު ބައެއް. އެމީހުންގެ މުޅި ދުނިޔެއަކީ ބަލިމީހުންނަށް ޚިދުމަތް ކުރުން ކަމުގައި ބަލައިގެން ދިރިއުޅެން ޖެހޭ ބައެއް. އެހެން ކަމުން ކޮންމެ ހާލެއްގައިވެސް ކެތްތެރިކަން އިސްކޮށް ނަރުހުންގެ ޚިދުމަތަކީ ގައުމީ އަދި އިންސާނިއްޔަތަށް ކޮށްދޭ އެންމެ މާތް ޚިދުމަތް ކަމަށް ދަންނަން ވާނެ. “އާޒިމާ ވިދާޅުވި އެވެ.
ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ބ.އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ކިޔުމަށް އޭދަފުށީ ޕޮލިސް ސްޓޭޝަން، ބ.އަތޮޅު ތައުލީމީ މަރުކަޒު، އޭދަފުށީ ކައުންސިލް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭދަފުށީ ބްރާންޗުގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައެވެ.
މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އިތުރު ހަރަކާތްތަކުގެ ތެރޭގައި މިއަދު ހަވީރު ބ.އަތޮޅު ހޮސްޕިޓަލުގެ ސްޓާފުންގެ ޑޮޖްބޯލް މުބާރާތެއްވެސް ބޭއްވުން ވެސް ހިމެނެ އެވެ. މި މުބާރާތް މިއަދާއި މާދަމާވެސް ކުރިއަށް ދާނެއެވެ.
ބައިނަލް އަގުވާމީ ނަރުހުންގެ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު ހެލްތު މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކާގޮތުން ރާއްޖޭގައި ތިބީ 3593 އަންހެން ނަރުހުންނާއި 314 ފިރިހެން ނަރުހުންނެވެ. ނުވަތަ ކޮންމެ ދިހަ ނަރުހެއްގެ ތެރެއިން 9 ނަރުހުންނަކީ އަންހެނުންނެވެ.
މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 2503 ނަރުހުންނަކީ ދިވެހިން ކަމަށްވާއިރު، ބިދޭސީ ނަރުހުންގެ އަދަދަކީ 1918 އެވެ. އެހެންކަމުން ނަރުހުންގެ %64 އަކީ ދިވެހިންކަން ފާހަގަކުރަން ޖެހެއެވެ.






