ކޮންމެހެން ކުރަންޖެހޭ ކަމަކަށް ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުވަން އަންގަވައިފި

large_17058572535vUPu.jpg

ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު --- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ކޮންމެހެން ކުރަންޖެހޭ ކަމަކަށް ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުވަން ސަރުކާރުގެ އޮފީސްތަކަށް އަންގަވައިފި އެވެ.

މާލީ ވުޒާރާއިން މިގޮތަށް އަންގަވާފައިވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް، ސަރުކާރުގެ ހަރަދު ކުޑަކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

މާލީ ވުޒާރާއިން މިއަދު އާންމުކުރި ސާކިއުލާއެއްގައި ވަނީ މައިގަނޑު ހަތް ދާއިރާއަކުން ހަރަދުކުޑަކުރަން އަންގައިފައެވެ. އެގޮތުން، މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމާއި ރަސްމީ ދަތުރުތައް ކުރުމާއި އިތުރު އެލަވަންސްތައް ތައާރަފުކުރުމާ ގުޅޭ އެންގުންތަކެއް ވެސް އެ ސާކިއުލާގައި ހިމަނާފައިވެއެވެ.

އެ ވުޒާރާއިން ވަނީ އެ ވުޒާރާގެ ހުއްދައާނުލައި ބައެއް ހަރަދުތައް ނުކުރެވޭގޮތް ހަދައިފައެވެ.

އެގޮތުން މުވައްޒަފުންނަށް ހިނގާ ހަރަދުތަކާ ގުޅިގެން، މާލީވުޒާރާގެ ހުއްދަ ނެތި އާ މަގާމެއް ނުއުފެއްދުމާއި، ހުއްދަ ނެތި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމާއި، ބަޖެޓުގައި އޮތަސް އެއްވެސް އެލަވަންސެއް ދޭން ނުފެށުމާއި މާލީވުޒާރާގެ ހުއްދަ ނެތި އެއްވެސް ޒާތެއްގެ ކުރިއެރުމެއް ނުދިނުމާއި ކޮންމެހެން ކުރަންޖެހޭ ކަމަކަށް ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުވަން އަންގަވާފައި ވެއެވެ.

މީގެ އިތުރުން ޕްރޮމޯޝަން ދެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށާއި ރާއްޖެއިން ބޭރަށް އެއްވެސް ރަސްމީ ދަތުރެއް ކުރުމުގެ ކުރީގައި ވެސް މާލީ ވުޒާރާގެ ހުއްދަ ހޯދަން ވަނީ އަންގައިފައެެވެ.

އެގޮތުން، ރާއްޖެތެރެއަށް ކުރާ ދަތުރުތައް ވެސް 35،000 ރުފިޔާއަށް ވުރެ ހަރަދު ކުޑަނަމަ، ފިނޭންސް އެގްޒެކެޓިވްގެ ހުއްދައާ އެކު ކުރެވޭނެއެވެ. އެކަމަކު، 35،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ދާނަމަ، މާލީ ވުޒާރާގެ ހުއްދައެއް ހޯދަން ޖެހޭނެއެވެ.

އޮފީސް ހިންގުމަށް ބޭނުންވާ ހަރަދުތައް ވެސް މި އުސޫލާ އެކު ދެން ކުރެވޭނީ ދަތުރުތަކުގެ ހަރަދުތައް ކުރާ އުސޫލުން ހުއްދަ ހޯދައިގެންނެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މީގެ އިތުރަށްވެސް ބައެއް މުހިއްމު ފިޔަވަޅުތައް އެޅުމަށް ނިންމަވާފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top