ޕްލާސްޓިކް ކޮތަޅު ހޯލްސޭލް ކުރާއިރު، 50 ކޮތަޅަށްވުރެ އިތުރަށް ހުންނަ ކޮތަޅު ބޮނޑިން ފީ ނުނަގާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިސްލާހެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމާއި، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން ކަމަށް ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އޮތްގޮތުން، އެންވަޔަރަންމަންޓް މިނިސްޓްރީގެ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް ކުނި އެތެރެކުރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، އާ އިސްލާހު ފާސްވުމުން އެއްވެސް ބާވަތެއްގެ ކުނި ރާއްޖެ އެތެރެކުރުމަކީ މުޅިން މަނާ ކަމަކަށް ވެގެންދާނެއެވެ.
މީގެ އިތުރުން، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ލިބޭނެ ފަދަ ބަދަލެއް މި ބިލުގައި ވަނީ ހިމަނާފައެވެ. އެއީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ބޮނޑިތަކުން މިހާރު ނަގަމުންދާ ދެ ރުފިޔާގެ ފީ ނެގުން ހުއްޓާލުމެވެ. މީގެ ކުރިން ކޮތަޅު ބޮނޑި ހޯލްސޭލްކޮށް ގަންނައިރުވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ މަގުން ފީ ދައްކަން ޖެހެއެވެ. ނަމަވެސް މި އިސްލާހާއެކު އެ ފީ ދައްކާކަށް ނުޖެހޭނެއެވެ.
މި އިސްލާހުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީއަށް ބަދަލުތަކެއް އަންނާނެކަން ބިލުގައި ފާހަގަކޮށްފައިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށި ފަހުން މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި މި ހިނގާ އަހަރުގެ މިހާތަނަށް 2,011,421 ރުފިޔާ ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ.
މި އިސްލާހުގެ ސަބަބުން ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެ، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބިލު ހުށަހެޅުއްވި އުނގޫފާރު މެންބަރު ޝިފާޒް ވިދާޅުވި އެވެ.





