ރާއްޖޭގެ މިހާރުގެ އިގުތިސާދީ ހާލަތު ހުރި ގޮތުން، ކައުންސިލަރުންގެ މުސާރަ ބޮޑުކުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ކުރި ބަހުސްގައެވެ.
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވީ، ކުރީގެ ސަރުކާރުން ގައުމު ”ފައްތާލާފައި“ އޮތް ހާލަތުން އަރައިގަނެ، އިގުތިސާދު ކޮޅަށް ޖެހުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އިދިކޮޅުން މަސައްކަތް ކުރަނީ އިގުތިސާދު އިތުރަށް ގޯސްކުރަން ކަމަށެވެ.
މި ބަހުސްގައި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވަނީ އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރުގައި ކައުންސިލަރުންގެ މުސާރަ ބޮޑު ނުކުރީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި މިފަދަ އިސްލާހުތައް ހުށަހަޅަން އެމްޑީޕީއަށް އެނގެނީ ހަމައެކަނި އިދިކޮޅުގައި ތިބޭއިރުތޯ އޭނާ ސުވާލު ކުރެއްވިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވެސް ވަނީ މުސާރަ ބޮޑުކުރުމުގެ މުހިންމުކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ކައުންސިލަރުން ކުރާ މަސައްކަތާ އެކަށޭނަ އަބުރުވެރި މުސާރައެއް ދިނުމަށް މިހާރު މިއީ އިގުތިސާދީ ގޮތުން އެންމެ އެކަށީގެންވާ ވަގުތު ނޫން ކަން އޭނާ ފާހަގަކުރެއްވިއެވެ.





