ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބު އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
ޕާޓީގެ މަތީ މަޖިލިސް ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށެވެ.
މި އިންތިޚާބަށްފަހު ޕާޓީގެ މަތީ މަޖިލިސް އިންތިޚާބު ސެޕްޓެމްބަރު މަހު ބާއްވަން ވެސް ނިންމާފައިވެއެވެ.
ޕީއެންސީ އިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ މަތީ މަޖިލީހުގެ ކަންކަން ރާވައި އިންތިޒާމު ކުރުމަށް 13 މެންބަރުންގެ މައްޗަށް އެކުލެވޭ ޓާސްކްފޯހެއް އެކުލަވާލާނެ ކަމަށެވެ.
ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.
އެ ގޮތުން ޕާޓީގެ ދާއިރާގެ ރައީސުންނާއި ދާއިރާގެ ނައިބު ރައީސުންނާއި އަންހެނުންގެ ހަރަކާތުގެ ރައީސުންގެ އިތުރުން ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީގެ ރައީސުންނަށް ވަނީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
މިކަމަށް ހާއްސަ ޕޯޓަލެއްވެސް ތައާރަފު ކޮށްފައިވާއިރު މަގާމުތަކަށް ޝައުގުވެރިވާ މެންބަރު އެކަމަށް އެދި ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި މަގާމުތަކަށް ވާދަކުރެވޭނީ މިއަދާ ހަމައަށް ޕާޓީގައި ދަފްތަރުވެފައި ތިބި މެންބަރުންނަށެވެ. އަދި މި އިންތިޚާބުގައި ވޯޓުލެވޭނީވެސް މިއަދާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މި އިންތިޚާބުގެ ވަގުތީ ވޯޓާސް ލިސްޓު ޖުލައި އެއްވަނަ ދުވަހު އިއުލާނު ކޮށް ޝަކުވާ ހުށަހެޅުމަށް ތިން ދުވަސް ދިނުމަށްފަހު ދާއިމީ ލިސްޓު އާންމުކުރުމަށް ހަމަޖެހިފައިވަނީ ޖުލައި ހަތަރު ވަނަ ދުވަހު އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ދާއިރާގެ ރައީސުން އިންތިޚާބު ކުރާނީ ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނެތް ދާއިރާތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެންބަރުން ކަަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން ޕީއެންސީގެ ޕާޓީގެ ގަވާއިދު ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމުގައި ވިޔަސް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ މެންބަރުންނާއި އަދި އެ މެންބަރަކު ކުރަމުންދާ ކަމެއްގެ ސަބަބުން ޕާޓީއަށް ގެއްލުންވާނަމަ އެފަދަ މެންބަރުން ދާއިރާގެ ރައީސްކަމުން ވަކިކުރުމުގެ ބާރު ޕާޓީގެ ލީޑާޝިޕަށް ލިބެ އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެފަދަ ހާލަތެއް މެދުވެރިވެގެން މެންބަރަކު މަގާމުން ވަކިކޮށްފައިވާނަމަ އެދާއިރާއަކަށް ވެސް ރައީސުން އިންތިހާބުކުރާނެ ކަމަށެވެ.





