ރަށްރަށަށް ބަލި ނުދާނެ ގޮތެއް ނުހެދޭނެ. ހައްލަކީ އިރުޝާދުތަކާ އެއްގޮތަށް އުޅުން. -ޑރ.އަފްޒަލް

EVUhSZ1UUAE0ItX-1.jpg

ފުލުހުން، ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނު ފެސިލިޓީތަކަށް ގެންދިއުމަށް ހަރަކާތްތެރިވަނީ ---ފޮޓޯ : ޕޮލިސް

ރަށްރަށަށް ކޯވިޑް-19 އެއްގޮތަކަށްވެސް ނުދާނެ ގޮތެއް ނުހެދޭނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މި ބަލި ރަށްރަށަށް ނުދާނެ ވަކި އިތުރު ގޮތެއް ނުހެދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރަށަށް ދާ މީހެއްގެ ފަރާތުން ބަލި ފެތުރިދާނެ ކަމަށް ބަލައި ރަށްރަށަށް މީހުން ނާރުވައި އަހަރު ދެ އަހަރު ވަންދެން ވެސް ނުބޭއްވޭނެ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި އެތައް ބަޔަކު ރަށަށް ދާން ބޭނުންވެގެން ސަރުކާރުން ކަނޑައެޅި ތަންތަނުގައި ކަރަންޓީނު ކުރަމުން ދާއިރު ރަށުގައި އެކަހެރިކޮށް ތިބެވޭނެ މީހުން ރަށްރަށުގައި ކަރަންޓީނުވާން ދަނީ ފޮނުވަމުންނެވެ. އެމީހުން ކަރަންޓީނު ވާން ފޮނުވާތީ ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

އެ ރަށްރަށުގެ މީހުން ބުނަމުންދަނީ ކަރަންޓީނު ވާން ފޮނުވާ މީހުންގެ ސަބަބުން ރަށަށް ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ރަށްތައް ބަންދުކޮށްފައި ބާއްވަން ޖެހުމުން އެކަމުގެ ނޭދެވޭ އަސަރު އިގްތިސާދަށާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ކޮށްފައިވާތީ މާ ގިނަ ދުވަހު އެގޮތަށް ނުބޭއްވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިކަމަށް އޮތް ހައްލަކީ ދީފައިވާ އިރުޝާދު ތަކާއި އެއްގޮތަށް އަމަލުކޮށް ނިއު ނޯމަލްގައި އުޅުމާއި އެކު ފަރުވާދެވޭނެ ގޮތްތަކެއް ހަމަޖެއްސުން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ފެންނަމުންދާ ކޭސްތަކަށް ބަލާއިރު އެއީ ސިއްހީ ނިޒާމަށް ކަތާ ވަރެއް ކަމަށާއި ރަށްރަށުގައި ކަރަންޓީން ކުރާ މީހެއް މީހުންގެ ފަރާތުން ބަލި ފެނުނަސް އޮންނަ އުސޫލާއި އެއްގޮތަށް އަމަލު ކުރާނަމަ ރަށު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް މާލެ އާއި އަތޮޅު ތެރޭގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނީ ބަލި ގާތްގަނޑަކަށް ކޮންޓްރޯލް ކުރެވުމުންނެވެ. އަދި ބައްޔަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖެހުމުން ކަމަށް ސަރުކާރުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top