ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު ފާހަގަ ކުރާ އަޟްހާ ޢީދުގެ އީދު ޚުތުބާގައި، މީހުންގެ އަބުރާ ބެހުމާއި، މަލާމާތާއި ފުރައްސާރަ ކުރުމާއި ދެޖިންސު މައްސުނިވެގެން ކުޅިވަރު ކުޅުން ފަދަ ކަންކަމުން ދުރުހެލިވުމަށް މިއަދުގެ އީދު ޚުތުބާގައި ގޮވާލައްވައިފި އެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އީދު ދުވަހަކީ މުޅި އަހަރުގައިވެސް އަންނާނެ އެންމެ މަތިވެރި ދުވަސްކަމަށް ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވައެވެ.
މާތް ނަބިއްޔާގެ ހަދީސްފުޅެއްގެ މާނައިގައިވާ ގޮތުން، މާތް ﷲގެ ހަޟުރަތުގައި އެންމެ މަތިވެރިވެގެންވާ ދުވަހަކީ އީދު ދުވަސްކަމަށް ޚުތުބާގައި ބުންޏެވެ.
އީދު ދުވަސްތަކަކީ މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅުމަށް އޮތް ދުވަސްތަކެއް ނަމަވެސް، މި އުފާފާޅުކުރުންތައް އޮންނަންވާނީ ދީނީ އިމުގެ ތެރޭގައިކަން ޚުތުބާގައި ހަނދާން ކޮށްދިނެވެ.
އެގޮތުން އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި، މަލާމާތްކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި، ފިރިހެނުން އަންހެން ހެދުން އެޅުމުގެ އިތުރުން، ދެޖިންސު މައްސުނި ވެގެން ކުޅިވަރު ކުޅުމުން ދުރުހެލިވާން ޖެހޭނެކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން، އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނުގެ މަތިވެރި ޤުރުބާނީގެ ހާދިސާ ހަނދާން ކޮށްދެމުން، ޢީދު ދުވަހު އުޟުޙިޔާ ކަތިލުމަކީ ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަމަލީގޮތުން ދައްކަވާފައިވާ ގަދަވެގެންވާ ސުންނަތެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ރާއްޖޭގައި އަމާން ވެއްޓެއްގައި ޢީދުގެ އުފާ ފާޅުކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަސްލު ނައްތައިލުމުގެ ލާދީނީ ޢަމަލުތަކުގެ ޝިކާރައަކަށްވެ، ބަނޑުހައިހޫނުކަމާއި ބޯހިޔާވަހިކަމެއް ނެތި ނިކަމެތި ހާލުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުންގެ މަތިން ހަނދާން ނައްތާނުލުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާކަމަށްވާއިރު، ފަލަސްޠީނާއި އެހެނިހެން ސަރަޙައްދުތަކުގައިވާ ނިކަމެތި މުސްލިމުންނަށް ނަޞްރާއި ކާމިޔާބީ ދެއްވުން އެދި ގިނަގިނައިން ދުޢާކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އީދުގެ އުފަލުގައި ރާއްޖޭގެ އެކިއެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމުން ބައިވެރިކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ތިބި މުސްލިމުންގެ މަތިން ހަނދާން ކުރުމަށްވެސް ޚުތުބާގައި ގޮވާލިއެވެ. ހާއްސަކޮށް، ގަތުލުއާންމުތަކާއި ހައިހޫނުކަމުގައި ތިބި އަޚުންނާއި އުޚުތުންނަށް ނަސްރާއި ކާމިޔާބަށް އެދި ދުއާކުރުމަށް ބާރުއެޅިއެވެ.
އީދު ނަމާދުގެ ބޮޑު ޖަމާއަތުން ލިބިދޭ ފިލާވަޅުތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، މިއީ ގިޔާމަތް ދުވަހުގެ ބިރުވެރިކަމާއި މަހުޝަރުގެ މައިދާން ހަނދާންކޮށްދޭ މަންޒަރެއް ކަމަށެވެ. އެހެންކަމުން، އެކަކު އަނެކަކަށް މާފުކޮށް، ހިތްތައް ސާފުކުރުމަށާއި، ބޮޑާކަމާއި ހަސަދަވެރިކަން ފަދަ ނޭއްގާނީ ސިފަތަކުން ހިތްތައް ތާހިރުކުރުމަށް މިއަދުގެ ޚުތުބާގައި ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވިއެވެ.





