ސަރުކާރުގެ މުވައްޒަފުންނަށް މި މަހުގެ މުސާރައާއި އިނާޔަތްތައް އަންނަ ބުރާސްފަތި އަދި އާދިއްތަ ދުވަހު ދޭން ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އަޟްހާ އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތައް މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ. އީދު ބަންދަށްފަހު ސަރުކާރު އޮފީސްތައް އަލުން ހުޅުވޭނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.
އީދު ބަންދުގައި ބޭންކްތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އީދު ބަންދުގައި ބޭންކްތައް ހުޅުވާ ދުވަސް ކަމުގައިވާ މި މަހުގެ 28 އަދި އީދު ބަންދަށްފަހު މި މަހުގެ 31 ވަނަ ދުވަހު ސަރުކާރު ހުޅުވުމުން މުސާރަ އާއި އިނާޔަތް ޖަމާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
“ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި. އެހެންކަމުން މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޫކުރާނީ 28 އަދި 31 މެއިގައި،” ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެއިތުރުން، މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެކަން ކުރިއަށް ގެންދާނެކަން ފިނޭންސް މިނިސްޓްރީން ވިދާޅުވި އެވެ.





