ލާމަރުކަޒީ ގާނޫނޫނުގެ 110ވަނަ މާއްދފާގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ޖުލައިމަހު ރައްޔިތުންނާ ބައްދަލުކޮށް ކައުންސިލުގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ޕްލޭނާއި ރިޕޯޓްތަކާއި ބަޖެޓް ރައްޔިތުންނަށް ހުށަހެޅުމާއި އެކަމަށް ރައްޔިތުންގެ ފަރާތުން ޚިޔާލު ހުށަހެޅުމަށް ބާއްވަންޖެހޭ ބައްދަލުވުން ރޭ ބާއްވައިފިއެވެ.
ކައުންސިލް މެންބަރު އަފްޒަލް ފިޔަވައި އެހެން މެންބަރުން ބައިވެރިވެވަޑައިގަތް މިބައްދަލުވުން އޮތީ އޭދަފުށީ މަލްޓިޕާޕަސް ބިލްޑިންގގެ ޖަލްސާކުރާ ހޯލުގައެވެ.
މިބައްދަލުވުމުގައި ކައުންސިލް މެންބަރު މުހައްމަދު ރިޒާ ބަޖެޓާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވީ 2017ވަނަ އަހަރަށް އޭދަފުށީ ކައުންސިލުން ލަފާކުރާ ބަޖެޓްގެ ޖުމްލައަދަދަކީ 4.3 މިލިއަން ރުފިޔާ ކަމުގައެވެ.
ރަށުގެ ރައްޔިތުންގެ އެކައުންޓްގައި ހަ މިލިއަން ރުފިޔާއާއި ގާތްކުރާ އަދަދަކަށް ފައިސާ ހުރިކަމަށް ވިދާޅުވިއެވެ.
އަންނަ އަހަރުގެ މަސައްކަތްތައް ތާވަލް ކުރެވިފައިވާ ގޮތާބެހޭ ގޮތުން މައުލޫމާތުދެއްވަމުން ކައުންސިލުން ވިދާޅުވީ މައިގަނޑު ހަތަރުކަމެއް ކުރުމަށް ކައުންސިލުން ރާވާފައިވާ ކަމުގައެވެ. އެއީ ބާ އިންޖީނުގެ ހުރި ގޯތިތެރޭގައި 4 ބުރީގެ އިމާރާތެއް އެޅުމާއި ކުޑަކުދިންގެ ޕާކެއް ހެދުމުގެ އިތުރުން މޫދަށްއެރި އުޅެން ޚާއްސަ ތަނެއް ހެދުމާއި މަސްމާރުކޭޓެއް އެޅުމެވެ.
ކައުންސިލުން ކުރަން ތާވަލް ކުރެވިފައިވާ މިކަންކަމަކީ މިކައުންސިލް ގެ ދައުރު ފެށިގެން އައުމާއެކު އިވެމުން ދާ އަޑު ތަކެކެވެ. އެކަމަކު އަމަލީ ސިފައެއް ނައިސް އޮއްވާ އަނެއްކާވެސް ތާވަލް ކުރެއްވުމުން މިއީ އަންނަ އަހަރުވެސް ކުރެވިދާނެ ކަމެއްކަމާމެދު ހާޒިރީން ސުވާލު އުފެއްދެވިއެވެ.
ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ސުވާލަށް ހުށަހެޅުމުން ، އެފަރާތްތަކުން އޮޅުން ފިލުވަން ބޭނުންވި އެއްވެސް ކަމެއް ކައުންސިލުގެ ފަރާތުން އޮޅުން ފިލުވައިދެވިފައިނުވާކަން އެއީ ރައްރިތުންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި މީހުންގެ އެންމެ ބޮޑު ހިތްހަމަ ނުޖެހުމަށް ވެގެން ދިޔައެވެ. އަދި ކައުންސިލްގެ ފަރާތުން މި ބައްދަލުވުން ބާއްވާފައިވަނީ މިކަމަށް އެއްވެސް ވަރަކަށް އެފަރާތުން ތައްޔާރުނުވެ ކަމަށްވެސް ބައްދަލުވުމުގައި ބައިވެރިވި މަދު މީހުން ކޮޅުގެ ވާހަކައިން ދޭހަވިއެވެ . މިކަމަށް ކައުންސިލުންވެސް އެއްބަސްވެ ވަޑައިގަންނަވައެވެ.
ލާމަރުކަޒީ ގާނޫނުގެ 110ވަނަ މާއްދާގައި ބުނާ ގޮތުން “މި ބައްދަލުވުން ބޭއްވުމުގެ ހަތްދުވަސް ކުރިން މާލީ ރިޕޯޓްތަކާއި ޕްލޭނާއި ބަޖެޓުގެ މައުލޫމާތު އާއްމުކޮށް ހާމަކުރަންވާނެއެވެ.” އެހެންނަމަވެސް ކައުންސިލުގެ ފަރާތުން ގާނޫނުގައި ބުނާ މި މުހިއްމު ކަންތަކާމެދު އިހުމާލުވެފައިވާ ކަމަށާއި މިކަން ނުކޮށް މި ބައްދަލުވުން ސައްހަބައްދަލުވުމަކަށް ވާނެތޯ އާއި ރަށުކައުންސިލް، މިއަށްވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭކަމަށް ބައްދަލުވުމުގައި ބައިވެރިވިމީހުން ބުނަމުން ގެންދިޔައެވެ.
ބައްދަލުވުން ނިމުނުއިރުވެސް ވޭތުވެދިޔަތަނުގައި އޭދަފުށީކައުންސިލުން ރަށުގެ ތަރައްގީއަށްކުރެވުނު އެއްވެސް ކަމެއްގެ ވާހަކައިގެ އަޑެއް ނުއިވެއެވެ.
ދޮޅުގަޑިއެއްހައިއިރުގެ މި ބައްދަލުވުމަށް ރައްޔިތުންގެ ފަރާތުން ހާޒިރުވެފައިވަނީ ގިނަވެގެން 30 މީހުންނެވެ.