ޚިޔާލުފާޅުކުރުމުގައި ގަލަމުގެ މިނިވަންކަން އޮންނަންވާނެކަމަށާއި އެމިނިވަންކަން ނިގުޅައިގަނެވިގެން ނުވަތަ ހުއްޓިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީދާއިރާގެ މެންބަރު އަހްމަދުސަލީމު ވިދާޅުވެއްޖެއެވެ. ސަލީމް މިހެންވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރެވެމުންދާ އަބުރާބެހޭ ބިލަށް ބަހުސްކުރުމުގެ މަރުހަލާގައި ވާހަކަދައްކަވަމުންނެވެ. ސަލީމް މިމޭރުމުން ވާހަކަދައްކަވާފައިވާއިރު މިއީ މިގޮތަށް މަޖިލީހުގެތަޅުމުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލަކާމެދު ކަންބޮޑުވެ، ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސްކުރެވެމުންދާ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަކީ ސަރުކާރުގެ ފަރާތުން އުގޫފާރު ދާއިރާގެ މެންބަރު ޖައުފަރުއީސާ ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލާމެދު މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވެމުންދާއިރު މެންބަރުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ހޫނު ބަހުސްތަކެއް ކުރެވެމުންނެވެ. އެގޮތުން ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުންވެސް މިބިލް ހުށަހަޅާފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
އެހެންނަމަވެސް ބިލް ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެންބަރުވިދާޅުވީ ބިލާމެދު މީޑީއާއިން ކަންބޮޑުވުން ފާޅުކުރަނީ ބިލު ރަނގަޅަށް ދިރާސާނުކޮށް އަވަސް އަރުވާލައިގެން ކަމަށާއި ނަމަވެސް ބިލުގެ ޒަރީއާއިން މީޑިއާގައި ހިޔާލު ފާޅުކުރުމަށް ފުޅާ ދާއިރާއެއްގަައި ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އަބުރު ރައްކާތެރި ކުރުމުގެ ބިލުގައި ހަމައެކަނި ލާޒިމް ކުރާ ކަމަކީ ތެދު ހަބަރަކަށްވުން ކަމަށެވެ. އަދި ދޮގު ހަބަރު ފެތުރުން ހުއްޓުވުން ކަމަށެވެ.