ދިވެހިރާއްޖެއިން އަދި މިހާތަނަށް ހަންޓާ ވައިރަސް ފެނިފައިވާކަމުގެ ނުވަތަ އެ ބަލި ޖެހިފައިވާ މީހަކު ހުރިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާކަމަށާއި، މިކަމާ ގުޅޭގޮތުން ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް އިތުބާރު ކުރުމަށް ހެލްތް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފިއެވެ.
ހެލްތް މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި ބައްޔާ ގުޅިގެން ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެގޮތުން، ކަމާބެހޭ އިދާރާތަކުން ދަނީ މިކަމާ ގުޅޭގޮތުން ކުރަންޖެހޭ މޮނިޓަރިންގް އާއި ސަވައިލަންސްގެ މަސައްކަތްތައް މެދުނުކެނޑި ކުރަމުންކަމަށް ކަމަށެވެ.
މި ބައްޔަކީ އާންމުގޮތެއްގައި މީދަލުގެ ޒަރީއާއިން ފެތުރޭ ބައްޔަކަށް ވީނަމަވެސް، މި ބަލީގެ ނުރައްކާ ރާއްޖޭގެ އާންމުންނަށް އޮތް މިންވަރު ވަރަށް ކުޑަ ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، މިފަދަ ބަލިތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައާއި އެކި ވަސީލަތްތަކުގައި ދޮގު މައުލޫމާތު ފެތުރުނު ނުދިނުމަށާއި، ރަސްމީ އިދާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތަށް އިތުބާރު ކުރުމަށް ހެލްތް މިނިސްޓްރީން ވަނީ މީޑިއާތަކަށާއި އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ލައިނަރ އަކުން ނުރައްކާތެރި “ހަންޓާ ވައިރަސް” ފެނިފައިވާއިރު، ރާއްޖެއަށް އެ ބަލީގެ ނުރައްކާ އޮތް މިންވަރު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވަނީ މެއި 8 ވަނަ ދުވަހު ވެސް ބުނެފައެވެ.
އެޗްޕީއޭ އިންް ބުނެފައިވަނީ، ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ “އެމް.ވީ ހޮންޑިއަސް” ނަމަކަށް ކިޔާ ކްރޫޒް މަނަވަރަކުން މި ބަލި ފެނުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) މެދުވެރިކޮށް އެ އެޖެންސީން ދަނީ މިކަން ވަރަށް ގާތުން މޮނިޓަރ ކުރަމުން ކަމަށެވެ. އަދި އެހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކުވެސް ފެނިފައިނުވާތީ، ރާއްޖެއަށް މި ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށް އެ އެޖެންސީން ބުނެ އެވެ.






