ސިންގަޕޫރުގެ ސްކޫލުތަކުގައި ގަނާކުރާ ކުދިންގެ ގައިގައި އެއްތެލުން ތެޅުން ހުއްދަކޮށްފި

large_177812458259weNC.png

ސިންގަޕޫރުގެ ސްކޫލެއްގައި ކުދިން ކިޔަވަނީ---

ސިންގަޕޫރުގެ ސްކޫލްތަކުގައި ގަނާކުރުން ހުއްޓުވުމަށް އެޅޭ ހަރުދަނާ ފިޔަވަޅެއްގެ ގޮތުން، ސީރިއަސް މައްސަލަތަކުގައި ކުދިންގެ ގައިގައި އެއްތެލުން ތަޅައިގެން އަދަބު ދިނުމުގެ ހުއްދަ އެ ގައުމުގެ މުދައްރިސުންނަށް ދީފިއެވެ.

މި ނިންމުމަކީ ގާތްގަނޑަކަށް 2،000 މީހުންގެ ޚިޔާލު ހޯދައިގެން، އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ދިރާސާއަކަށްފަހު ނިންމި ނިންމުމެކެވެ.

މި އާ އުސޫލުގެ ދަށުން، 2027 ވަނަ އަހަރުން ފެށިގެން، ނުވަ އަހަރުން މަތީގެ ކުދިންނަށް މި އަދަބު ދެވޭނެއެވެ. މިކަމާ ގުޅިގެން، ކުދިން އަޚުލާގީ ގޮތުން އިސްލާހު ކުރުމަށް ޖިސްމާނީ އަދަބު ދިނުމަކީ އެންމެ އެކަށީގެންވާ ގޮތްތޯ ނުވަތަ އޭގެ ސަބަބުން ކުއްޖާއަށް ދާއިމީ ނަފްސާނީ ގެއްލުންތަކެއް ލިބިދާނެތޯ ބުނެ ބައިނަލްއަގުވާމީ ދުނިޔޭގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.

އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ޑެސްމަންޑް ލީ ޕާލަމެންޓުގައި ވިދާޅުވި ގޮތުގައި، މި އަދަބު ދެނީ އިސްލާހުކުރުމުގެ އެހެން ހުރިހާ ގޮތްތަކެއް ނާކާމިޔާބުވުމުން “އެންމެ ފަހުގެ ފިޔަވަޅެއްގެ” ގޮތުގައެވެ. އަދި މި އަދަބު ދިނުމުގައި ރައްކާތެރިކަމުގެ ހަރުދަނާ އުސޫލުތަކަކަށް އަމަލުކުރަންޖެހޭނެ ކަމަށާއި، އޭގެ ތެރޭގައި ސްކޫލްގެ ޕްރިންސިޕަލްގެ ހުއްދަ ހޯދުމާއި، ހަމައެކަނި އެކަމުގެ ހުއްދަ އޮންނަ މުދައްރިސުން އެ އަދަބު ތަންފީޒުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާ ގަވާއިދުތައް ބުނާގޮތުން، ގަނާކުރުމުގެ ސީރިއަސް މައްސަލަތަކުގައި ހިމެނޭ ފިރިހެން ކުދިންނަށް، ކުށުގެ ކުޑަބޮޑުމިނަށް ބަލައި އެކަކާއި ތިނަކާއި ދެމެދުގެ އަދަދަކަށް އެއްތެލުން ތެޅިދާނެ އެވެ. ނަމަވެސް، ސިންގަޕޫރުގެ ގާނޫނު ގައި އަންހެނުންނާއި އަންހެން ކުދިންގެ ގައިގައި އެއްތެލުން ތެޅުން މަނާކުރާތީ، އަންހެން ކުދިން މި އަދަބުން އިސްތިސްނާ ވާނެއެވެ. އޭގެ ބަދަލުގައި އެކުދިންނަށް ދެވޭނީ ސްކޫލުން ސަސްޕެންޑްކުރުން، ޑިޓެންޝަންގައި ބޭތިއްބުން، ކައުންސިލިން ދިނުން ނުވަތަ ކިޔެވުމާ ގުޅުންހުރި އެހެނިހެން ފިޔަވަޅުތަކެވެ.

އުސޫލު ބުނާގޮތުން އަންހެން ކުދިންނަށް މި އަދަބު ނުދެވޭނެއެވެ. އޭގެ ބަދަލުގައި އަންހެން ކުދިންނަށް ދޭނީ ސްކޫލުން ސަސްޕެންޑް ކުރުން ފަދަ އަދަބުތަކެވެ.

ސައިބާބުލީކުރުން ނުވަތަ އިންޓަނެޓް މެދުވެރިކޮށް ގަނާކުރުމުގެ މައްސަލަތަކުގައި ވެސް މި އަދަބު ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިންގަޕޫރުގެ އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އަދަބު ދިނުމުގައި ކުއްޖާގެ ބުއްދިވެރިކަމަށާއި، މި އަދަބުގެ ސަބަބުން އެކުއްޖާ ކުރި ކުށުގެ ސީރިއަސްކަން އަމިއްލައަށް އިހުސާސް ކުރެވޭނެތޯ ބަލާނެއެވެ. ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން ކުދިންގެ އަޚުލާގީ މިންގަނޑުތައް ހިފެހެއްޓި، ސްކޫލްތަކުގައި ހިނގާ ގަނާކުރުމުގެ މައްސަލަތައް މަދުވާނެއެވެ.

މި ސިޔާސަތާމެދު ބައިނަލްއަގުވާމީ ގޮތުން ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް، މިކަމަށް ތާއީދުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ހަރުކަށި އަދަބުތަކުގެ ސަބަބުން ސްކޫލްތަކުގެ ނިޒާމު ހިފެހެއްޓި، އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ބާރަކަށް ވެއެވެ.

ސިންގަޕޫރަކީ އަބަދުވެސް ހަރުދަނާ ގާނޫނުތަކެއް އޮންނަ، ކުށްކުރުން މަދު ގައުމެއްގެ ގޮތުގައި މަޝްހޫރު ގައުމެކެވެ. އެ ގައުމުގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ހަރުކަށި އަދަބުތަކަކީ ކުށްކުރުމުން މީހުން ދުރުހެލިކުރުވާ ވަސީލަތެކެވެ.
އެހެންނަމަވެސް، ސިއްހީ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން މިކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ, ޑަބްލިޔުއެޗްއޯ އިން 2025 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ޖިސްމާނީ އަދަބު ދިނުމުގެ ސަބަބުން ކުދިންގެ ހަށިގަނޑަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ސައިންޓިފިކް ހޯދުންތަކުން ސާބިތުވެ އެވެ. އަދި މިފަދަ އަދަބުތަކުގެ އަސަރު، ބޮޑުވުމުންވެސް ދެމިހުރެ ކިޔެވުމަށާއި އިޖުތިމާއީ ގުޅުންތަކަށް ހުރަސްއެޅޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ތައުލީމީ ވަޒީރު ލީ ވިދާޅުވި ގޮތުގައި، ކުދިންނަށް ރަނގަޅު ގޮތްތައް އިޚުތިޔާރުކުރަން ދަސްވަނީ، ކުށެއް ކޮށްފިނަމަ އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެކަން ސާފުކޮށް އެނގިގެންނެވެ.

މި އުސޫލުތައް ތަންފީޒުކުރަން ފެށުމުން، ސްކޫލްތަކުގައި ހިނގާ ބުލީކުރުމުގެ މައްސަލަތަކަށް އަންނަ ބަދަލުތައް މޮނިޓާކުރުމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top