ރަށްރަށުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ އެ ރަށެއްގެ ކައުންސިލުގެ ޒިންމާއެއް: ވަޒީރު މުއްތަލިބު

large_177623847332UITb.jpg

މިނިސްޓަރ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު

ރަށްރަށާއި ސިޓީތަކުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ ވުޒާރާއަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނީގޮތުން އެ ރަށެއްގެ ކައުންސިލަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، އައްޑޫ ލިންކް ރޯޑުގެ މަސައްކަތާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކައުންސިލްތަކުގެ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަށްރަށުގެ މަގުތައް މެއިންޓެއިންކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ މިނިސްޓްރީއެއްގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި އެއީ އެ ރަށެއްގައި އިންތިޚާބުކޮށްފައި އޮންނަ ކައުންސިލުގެ މަސްއޫލިއްޔަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު ކައުންސިލްތަކަށް ދައުލަތުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ބަޖެޓެއް ދޭއިރު، އޭގެ ފައިދާ ރައްޔިތުންނަށް ނުފެންނަ ކަމަށް ވިދާޅުވެ، ކައުންސިލްތަކަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއްތޯ އާއި އަމަލީ ގޮތުން ކުރަނީ ކޮން މަސައްކަތެއްތޯ މިނިސްޓަރު ސުވާލު އުފެއްދެވިއެވެ.

”ރަށްރަށުގެ މަގުތައް މެއިންޓެއިންކޮށް ބެލެހެއްޓުމަކީ އެއީ އެެރަށެއްގައި އިންތިހާބުކޮށްފައި އޮންނަ ކައުންސިލެއްގެ ޒިންމާއެއް. އެހެންވީމާ އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދައުލަތުން ދޭ އިރުގައި މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ކައުންސިލް އެއޮތީ ފެއިލްވެފައި ހެން.” މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު ، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ އާއި އައްޑޫ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ލިބުނީ އިދިކޮޅު އެމްޑީޕީއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top