ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއާއި އަތޮޅު ކައުންސިލުތައް އުވާލި ނަމަވެސް، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ހުރަހެއް ނެތް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފިއެވެ.
އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ އެ އޮތޯރިޓީގެ މައްޗަށް ލާޒިމުކޮށްފައިވާ ޤާނޫނީ ޒިންމާއެއް ކަމަށެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހަށް އަލިއަޅުވާލަމުން އެލްޖީއޭއިން ބުނީ، އަތޮޅު ކައުންސިލުތައް އުވާލުމުން އެ ކައުންސިލުތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ޚިދުމަތްތައް ދިނުމުގެ މަސްއޫލިއްޔަތު މިހާރު މަތިކޮށްފައިވަނީ އެ އޮތޯރިޓީއާ ކަމަށެވެ. އަދި އަތޮޅު ކައުންސިލުތަކުގެ ނަމުގައި ހުރި އެންމެހާ މުދަލާއި ވަސީލަތްތައް ވެސް އެލްޖީއޭގެ ދަށަށް ބަދަލުވާނެ ކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
މީގެ އިތުރުން، އަތޮޅު ކައުންސިލުތައް އުވާލުމަށްފަހު، އެކި އިދާރީ ދާއިރާތަކުގައި އެލްޖީއޭގެ އޮފީސްތައް ޤާއިމުކުރުމުގެ އިޚްތިޔާރު ވެސް އެ އޮތޯރިޓީއަށް ލިބިދީފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެލްޖީއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަތޮޅު ކައުންސިލުތައް އުވާލައި، އިދާރީ ދާއިރާތަކުގައި އެލްޖީއޭގެ ގޮފިތައް ނުވަތަ އޮފީސްތައް ގާއިމްކުރުމުގެ އިޚްތިޔާރު ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުން ލިބިދީފައިވާ ކަމަށެވެ.
އެހެންކަމުން، އަތޮޅު ކައުންސިލުތަކުގެ ޒިންމާތައް އެލްޖީއޭއަށް ބަދަލުވެ، އިދާރީ ދާއިރާތަކުގައި އެ އޮތޯރިޓީގެ އޮފީސްތައް އުފެއްދުމުގެ ފުރުޞަތު އޮތުމާއެކު، ކަމާބެހޭ ވުޒާރާ އުވާލުމަކުން ލާމަރުކަޒީ ނިޒާމު ހިންގުމަށް އެއްވެސް ގާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެލްޖީއޭއިން ވަނީ ދީފައެވެ.






