އާންމު ދަތުރުފަތުރާއި ފެރީގެ ޚިދުމަތްދޭ ފަރާތްތަކަށް، ކުރިންވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ހާމަކޮށްފިއެވެ.
މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން އިއްޔެ އެސްޓީއޯއިން ވަނީ، ވިޔަފާރިތަކަށް ވިއްކާ ތެލާއި ޑީސަލްގެ ރޭޓުތައް ބޮޑުކޮށްފައެވެ. ނަމަވެސް ރޭ ވަނީ އޭގެތެރެއިން އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ވިޔަފާރިތަކާއި، އެސްޓީއޯއިން ތެޔޮ ގަނެގެން ރަށްރަށުގައި ޝެޑް ހިންގާ އަމިއްލަ ވިޔަފާރިތައް އެ ބަދަލުން އިސްތިސްނާ ކުރަން ނިންމި ކަން ހާމަކޮށްފައެވެ.
އެސްޓީއޯ އިން އިތުރަށް ބުނީ، ސަރުކާރުން މަސްވެރިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ‘ފަހިހަކަތަ’ ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ހިމެނޭ އަގުތަކުގައި ކުރިއެކޭވެސް އެއްގޮތަށް މަސްވެރިންނަށްވެސް ތެޔޮ ލިބޭނެ އިންތިޒާމު ދެމިއޮންނާނެ ކަމަށެވެ.
“މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެ. އަދި އަތޮޅުތެރޭގައި އެސްޓީއޯ އިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށްވެސް ކުރީގެ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި.” އެސްޓީއޯގެ ބަޔާނުގައި ވެއެވެ.
ހަމައެއާއެކު އެސްޓީއޯ އިން ބުނީ، މިއީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ބުރައެއް ކުރިމަތިނުވާނެހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، މި މަހުގެ ކުރީކޮޅު ގެނައި ބަދަލަށްފަހު އާންމުންނަށް ވިއްކާ ތެލުގެ އަގަށް އިތުރު ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން، މިހާރުވެސް މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާ އަށް ލިބެން ހުންނާނެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލްގެ އަގުތައް އުފުލި، އަތޮޅުތަކުގެ މެދުގައި ދަތުރުކުރާ އަމިއްލަ ލޯންޗުފަހަރުގެ ޓިކެޓުގެ އަގުތަކަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.






