ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ގަ އެވެ. އެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ ބިލު ފާސްވިތާ ތިން ދުވަސް ފަހުންނެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށަން ކަނޑައަޅާފައިވާ ތިން މަސް ދުވަހުގެ މުއްދަތު އިއްޔެއަށް ހަމަވުމާއެކު، މިހާރު މި އިސްލާހު ވަނީ ތަންފީޒީ މަރުހަލާއަށް އައިސްފައެވެ.
އަލަށް އަމަލުކުރަން ފެށި މި އިސްލާހުގެ ދަށުން މަރުގެ އަދަބު ކަނޑައެޅޭނީ ވަކި އުސޫލުތަކަކަށް ފެތޭ ހާލަތްތަކުގައެވެ.
މަރުގެ އަދަބު ކަނޑައެޅޭނީ:
1) 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނަބިސް ކަމުގައިވުން
2) 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން
3) ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާ ތަކެތީގެ ބާވަތެއްނަމަ، 100 ގްރާމަށްވުރެ އިތުރު އަދަދަކަށް ވުން
މަރުގެ އަދަބުދޭން ބެންޗުން އިންތިފާގު ނުވާނަމަ،އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި، 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
މި ގާނޫނުގައިވާ ގޮތުން، މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ނިންމައި، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އިއްތިފާގުވާ ހާލަތުގައެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ވަރަށް ބޮޑު މައްސަލައެއްގައި ގޮތުގައި އޮތް އިރު، ސަރުކާރުން ވަނީ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އެންމެ ހަރުކަށި އަބަދުދޭނެކަމުގެ ޔަގީންކަން ތަކުރާރުކޮށް ދީފަ އެވެ.





