ކައުންސިލަރުން ވާން ޖެހޭނީ ޕީއެންސީގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ދަންނަ ބަޔަކަށް ކަމަށް ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ، ހދ. އަތޮޅުގެ ކެމްޕެއިން ޖަގަހަ މާލޭގައި ހުޅުވަން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށް ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ވިދާޅުވީ އިދިކޮޅުގެ ކެމްޕެއިންތަކުގައި ސަރުކާރަށް ކުރި އުނދަގުލަކީ ކޮބައިތޯ ސުވާލު ކުރަމުން އަންނަ އިރު އެ ބޭފުޅުން ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވަނީ ސަރުކާރަށް އެއްބާރުލުން ދީގެންތޯ ނައިބު ރައީސް ސުވާލު އުފެއްދެވި އެވެ.
”އަޅުގަނޑުމެންނަށް އެބަ ޔަގީންވޭ، އެއިން ބޭފުޅަކު އިންތިހާބުވެއްޖެ ނަމަ، ސަރުކާރާ ސީދާ އިދިކޮޅަށް ކަން އެބޭފުޅުން މަސައްކަތް ކުރައްވާނީ. އެއީ މިދިޔަ ތަނުގައި އެބޭފުޅުން މަސައްކަތް ކުރައްވާފައި އޮތް ގޮތް“ ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަކީ އެއްކޮށް ބާއްވަން ޖެހޭ އިންތިހާބެެއް ކަަމަށް އިދިކޮޅު ފަރާތްތަކުން މީގެކުރިން އެކި ”ރާގު ރާގުގައި“ ވާހަކަ ދައްކަވާފައިވާ ކަމަށާއި މިއީ ދިވެހިންގެ ހަނދާނުން ފިލައިގެން ދާނެ ދުވަސްތަކެއް ނޫން ކަމަށެވެ. އެހެންވެ، އެފަދަ ބަޔަކު އިންތިހާބުކޮށްފި ނަމަ، ރަށްރަށަށް ތަރައްގީ ގެނެވޭނެތޯ ރައްޔިތުން ވިސްނަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.






