އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ޤުރުއާން ހިމަނަން ތައުލީމީ ވުޒާރާއިން ނިންމައިފި އެވެ.
ދިރާސީ އާ އަހަރާ ގުޅުވައިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ދެއްވި ޚިޠާބުގައި ވިދާޅުވީ ކީރިތި ޤުރުއާނުގެ އިލްމަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި ޖައްސުވައި، ޤުރުއާނުގެ އިލްމަށް ދަރިވަރުން ޝައުގުވެރި ކުރުވުމުގެ މަގުސަދުގައި، ގައުމީ ފެންވަރުގައި ބާއްވާ، އެސްއެސްސީ އިމްތިހާނުގެ މާއްދާއެއްގެ ގޮތުގައި ޤުރުއާން މާއްދާ ހިމެނުމުގެ މަސައްކަތް މި އަހަރު ޕައިލެޓް ކުރެވޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ޤުރުއާން މާއްދާ ރަސްމީކޮށް ހިމަނައި ރާއްޖޭގެ ދަރިވަރުންނަށް އެ އިމްތިހާނު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އެސްއެސްސީ އިމްތިހާނުގައި މިހާރު ހިމެނެނީ އިސްލާމާއި ދިވެހި މާއްދާ އެވެ. މިއީ އޯ ލެވެލް އާއި އޭ ލެވެލް ދަރިވަރުން ވެސް ހަދަން ޖެހޭ އިމްތިހާނެކެވެ.





