ސިޔާސީ ސަކަރާތާއި، ޖަގަޑާ ހެދުމާއި، އެކި ކަހަލަ ގޮތްގޮތުން ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތަކެއް ކުރިމަތިވާނެ ފުރުސަތު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ނުދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ޕީއެންސީގެ ކެމްޕެއިން ހަފުލާއެއްގައި ވާހަފުޅު ދައްކަވަމުން، ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫޢު ތަކަށާއި ރާވާ ކަންކަމަށް ހުރަސްއަޅާ، ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދާ ބަޔަކު އިންތިޚާބު ކުރުމަކީ ބުއްދިވެރިކަމެއް ނޫންކަމަށެވެ.
”މި ކަންކަން ކުރަން ޖާގަ ދިނުމަކީ އެއްވެސް ރައްޔިތަކު ކުރަން ބޭނުންވާނެ ކަމެއް ނޫން. އެކަމަށް ޖާގަ ނުދެއްވާ ރައްޔިތުންނާ އެކު މި އޮތް ސަރުކާރު، ރައްޔިތުންނާ އެކު ކުރާ މަސައްކަތާއެކު ކުރިއަށް ވަޑައިގަންނަވަން އަޅުގަނޑުމެންނާ އެކު މި ނުކުންނަ ކެންޑިޑޭޓުން ހޮވައިދެއްވާށޭ،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބުވެއްޖެ ނަމަ، ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭން ބޭނުންވާ ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް މަޑުޖައްސާލާނެ ބަޔަކު ކައުންސިލްތަކުގައި ތިބެގެން ނުވާނެ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ތަރައްޤީ ލަސްކޮށް، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ހިފަހައްޓާ ބަޔަކަށް ފުރުޞަތު ނުދީ، ޤައުމީ ވިސްނުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަށް ހުރިހާ ރައްޔިތުން އަތުކުރި އޮޅާލުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ބާރު ސްޕީޑްގައި އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށާއި ކައުންސިލަށް ހޮވަންވީ މިކަންކަމުގައި ހިފައި، މިކަންކަމުގައި ބާރު އަޅައިދީ، ހިތްވަރުދީ މަގުފަހި ކޮށްދޭނެ ބައެއް ކަމަށެވެ.
ރާއްޖޭގެ މުޖުތަމައުއަށް މިހާރު ހަމަޖެހުން ގެނެވިފައިވާ ކަމަށާއި މި ހުރިހާ ހަމަޖެހުމެއް ގައުމުގައި އޮއްވާ ރައްޔިތުންގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދަން އުޅޭ ކަންކަމުގައި ހުރަސްތައް ކުރިމަތި ކުރުވައި، ހަމަނުޖެހުން އުފައްދައި ތަރައްގީ މަޑުޖައްސުން ފަދަ ކަންކަން ކުރަން ޖާގަ ދިނުމަކީ އެއްވެސް ރައްޔިތަކު ކުރާނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މިސަރުކާރަކީ ގައުމީ ފިކުރާއި، ގައުމީ ވިސްނުމާއި، ގައުމީ ލޯތްބަށް އިސްކަންދޭ ސަރުކާރެއްކަން ފާހަގަކުރައްވައި، އެ މަގުން ކެމްޕެއިންގެ ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ. އަދި މާތްﷲގެ ވާގިފުޅާއެކު، މި މަސައްކަތުގައި ކާމިޔާބީ ލިބޭނެކަމުގެ ފުރިހަމަ އިތުބާރު އެބަައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.






