އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މަންމައަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެއީ މާލޭ ސަރަހައްދުގައި ހިނގައިގެން އުޅޭ ހާދިސާއެެއް ކަމަށާއި އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް މިދިޔަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
“ކުޑަ ފިރިހެން ކުއްޖަކަށް، އެ ކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން، މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް 2025 އޮކްޓޫބަރު 28 ވަނަ ދުވަހު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްއިން ފުލުހުންނަށް ހުށަހަޅާފައިވޭ” ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ އުމުރުން 50 އަހަރުގެ އަންހެންމީހާ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރި ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.





