ހަނިފަރަށް ޑައިވިނަށް ދިޔަ ބަޔަކަށް ދޮންފަނު ދޯންޏަކުން ހުރަސް އަޅައިފި

befunky-collage-2-1536x885-1.jpg

ބ. ދޮންފަނާއި ހަނިފަރުބޭއާ ދެމެދު އޮންނަ ޑައިވިން ސައިޓަށް މިއަދު ހެނދުނު ފައިބަން ދިޔަ ބަޔަކަށް ދޮންފަނު ދޯންޏަކުން ބިރުދައްކާ ހުރަސްއެޅި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ހަނިފަރު ސަރަހައްދަށް ޑައިވިނަށް ގޮސް އުޅުނު ފަރާތަކުން އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ މަސް ދޯންޏެއް ކައިރިވާ ތަނެވެ. އަދި އޭގައި ތިބި ދިވެހިން އަންގަމުން ދިޔައީ އެ ސަރަހައްދު ދޫކޮށް ދިއުމަށެވެ.

“ބިންހިއްކުން އަވަސްކުރޭ” ޖަހާފައި ހުރި ޕޯސްޓަރުތަކެއް ވެސް އެ ދޯނީގައި ވަނީ ހަރުކޮށްފައެވެ. އަދި އަޑުގަދަކުރާއިން އެ ސަރަހައްދު ދޫކޮށްދިނުމަށް ގޮވާ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ. އަދި ހަނިފަރު ކައިރީގައި ޑައިވް ކުރުމަކީ މަނާކަމެއް ކަމަށް ވެސް މަސް ދޯނީގައި ތިބި މީހުން ދިޔައީ ގޮވަމުންނެވެ.

އެކަމާ ހިތްހަމަނުޖެހިގެން ޑައިވަރުން ވެސް ވަނީ އެގޮތަށް އެ މީހުން ނުހުއްޓުވޭނެ ކަމަށް ބުނެފަ އެވެ. އަދި އެ މީހުންނާ ދެމެދު ހޫނު ޒުވާބެއް ވެސް ހިނގާފައިވެ އެވެ.

އެ ފަރަކީ ދޮންފަނު މީހުންގެ އެކަނި ތަނެއް ނޫން ކަމަށް އެކަކު ބުނާ އަޑު އާއްމު ވީޑީއޯގައި އިވެ އެވެ.

އެ ވީޑިއޯތަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، އެކަމުގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވާނެ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

ދޮންފަނުގެ ބިން ހިއްކަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާން ކުރައްވައި އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 13 ގަ އެވެ.

ނަމަވެސް ބިން ހިއްކައިފި ނަމަ އެ ރަށާ ކައިރީގައި އޮންނަ ހަނިފަރުބޭ އަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ އެ މަޝްރޫއު ކުރިއަށް ނުގެންގަން ގިނަ ބަޔަކު ގޮވާލަމުން ދިއުމާ ގުޅިގެން ނިންމުން ބާތިލުކުރިކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.

އެ ނިންމުމާ ގުޅިގެން ދޮންފަނުގައި ބަައެެއް ރައްޔިތުން ވަނީ މުޒާހަރާ ފަށައިފައެވެ. ދޮންފަނު ކައުންސިލުން ވަނީ ބިންހިއްކުމުގެ ބައި އުނިކުރުމާ ގުޅިގެން އިހުތިޖާޖު ކުރުމުގެ ގޮތުން، ރަށުގެ ފަރުން ފެށިގެން 700 މީޓަރުގެ ސަރަޙައްދުގައި ކުރިއަށް އޮތްތަނުގައި ކަނޑުމަތީގައި ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ނިމާލް ވިދާޅުވީ އެފަދަ ކަންތައްތަކަކީ ކައުންސިލްތަކަށް ނިންމޭނެ ކަންތައްތަކެއް ނޫން ކަމަށާއި ކައުންސިލުގެ އެ ނޫސްބަޔާނަކީ ބާތިލު އެންގުމެއް ކަމަށެވެ. އަދި އެއީ ގާނޫނާ އެއްގޮތަށް ނެރެފައިވާ ނޫސްބަޔާނެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top