ބަރުލަމާނީ ނިޒާމަކަށް ތާއީދެއް ނުކުރަން – އަދުރޭ

1533042713.jpg

ރާއްޖޭގެ ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތާއީދެއް ނުކުރާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު މަސައްކަތަކީ މި ސަރުކާރުން ހަދާ ގޯސްތައް ރައްޔިތުންނަށް ތިލަކޮށްދިނުން ކަމަށާއި ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުން ކަމަށެވެ.

“ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ތާއީދުކުރަން ޕީޕީއެމް/ޕިއެންސީ އިން ނިންމާފައެއް ނޯންނާނެ. އަޅުގަނޑުމެންގެ މަސައްކަތަކީ މި ސަރުކާރުން ހަދާ ގޯސްތައް ރައްޔިތުންނަށް ތިލަ ކޮށްދިނުން.” ޓްވިޓާގައި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު، ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އާންމުންގެ ހިޔާލު ހޯދަން ދިއުން ރަނގަޅުކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެ އެވެ.

ނަމަވެސް އާދަމް ޝަރީފު މިއަދު ވިދާޅުވީ އޭނާގެ ފޯކަސް އޮތީ ރައީސް ޔާމީން މިނިވަން ކުރުންކަމަށެވެ.

މެންބަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެފައިވަނީ ސަރުކާރު ބަލިކަށިވެކަމަށާއި އަދި އެންމެ ފަހުން ސަރުކާރު ބައިބައިވެއްޖެކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ އިތުބާރު މިހާރު ސަރުކާރަށް ނެތްކަމަށާއި ސަރުކާރަށް ދެން އޮތީ ދެ ގޮތް ކަމަށެވެ.

އެގޮތުން އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ ސަރުކާރަށް އޮތީ މިޑް-ޓާމް އިލެކްޝަންއަކަށް ދިއުން ކަމަށާއި ނުވަތަ ޕާޓީ ބަދަލުނުކުރެވޭ ގޮތަށް ޤާނޫނު ބަދަލުކޮށް، ބަރުލަމާނީ ނިޒާމަކަށް ރިފެރެންޑަމް އަކަށް ދިއުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top