ކާޑުގެ ބާވަތްތަކާއި ބައެއް ވައްތަރުގެ މޭވާ އާއި ތަރުކާރީ، އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ވިއްކަން ފެށުމަށް ކެބިނެޓުން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެބިނެޓުގެ އެ ނިންމުމަކީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި އެ މަނިކުފާނު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ މޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ނިންމެވުމަކީ ފާއިތުވި ދުވަސްތަކުގައި ބާޒާރުގައި މޭވާ އާއި ތަރުކާރީގެ އަގުތައް އުފުލެމުން ދިއުމާ ގުޅިގެން އަޅުއްވާފައިވާ ފިޔަވަޅެކެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، ކާބޯތަކެތީގެ އަގުތައް ވަނީ 1.96 ޕަސެންޓް އުފުލިފައެވެ.
ކެބިނެޓުން އެ ނިންމުން ނިންމާފައިވާ އިރު، މޭވާގެ ބާވަތްތަކުގެ އަގު މައްޗަށް ދިއުމާ ގުޅިގެން އެސްޓީއޯއިން އޮރެންޖު އެތެރެކޮށް، ހެޔޮ އަގުގައި ވިއްކަން ފަށައިފައެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އޮރެންޖުގެ ކިލޯއެއް މިހާރު ވިއްކަނީ 35 ރުފިޔާއަށެވެ.
ކާބޯތަކެތީގެ އަގުތައް މައްޗަށްދާ ނަމަ، އެސްޓީއޯއިން އާންމުކޮށް އެތަކެތި އެތެރެކޮށް އަގު ކޮންޓްރޯލު ކުރުމަށް ވިއްކަމުން ދެއެވެ. އެގޮތުން ދާދި ފަހުން ފިޔާގެ އަގު މައްޗަށް ދިއުމުން ވެސް، އެސްޓީއޯއިން ފިޔާ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފެށިއެވެ.






