ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާން ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަމަވެސް އުނިކުރަން ނިންމާފައިވާ އިނާޔަތްތަކުގެ ތަފްސީލެއް ރައީސް ހާމަކުރައްވާފައެއް ނުވެ އެވެ.
މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނު އޮންނަ ގޮތުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 50،000ރ. މަހަކު ދައުލަތުން ދޭން ޖެހޭއިރު އެއް ދައުރަށްވުރެ ގިނަ ދުވަހު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000ރ. ގެ އިނާޔަތެއް ދޭން ޖެހެ އެވެ. އަދި ދިރިއުޅުއްވާނެ ތަނުގެ ޚަރަދަށް އިތުރު 50،000ރ. އާއި އޮފީސް ހިންގުމުގެ ޚަރަދަށް ވެސް 175،000ރ. ދޭން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ،
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައިވާ ގޮތުން އެއް ދައުރު ފުރިހަމަ ކުރައްވާ މެންބަރުންނަށް މުސާރައިގެ 30 ޕަސެންޓް ނުވަތަ މަހަކު 18،000ރ. ލިބެ އެވެ. ދެ ދައުރު އަދާކުރި މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ނުވަތަ މަހަކު 27،000ރ. ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބެ އެވެ.
ނަމަވެސް ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާ އަދާކުރާ މުއްދަތުގައި ހިދުމަތުގެ އިނާޔަތެއް ނުލިބޭނެ އެވެ.
ކުރީގެ މެންބަރުންނަށް ދެމުންދާ އިނާޔަތްތަކާ ގުޅިގެން މި ފަހުން ފާޑުކިޔުން ބޮޑުވީ އިގުތިސާދީ ހާލަތު ދަށްވުމާ އެކުގައެވެ.
މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ކުރީގެ މެންބަރުންގެ ސިއްހީ އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މެންބަރުންނަށް އިނާޔަތާއި ސިއްހީ އިންޝުއަރެންސް ދޭން ފެށީ 2013 ވަނަ އަހަރެވެ.






