ދެން އޭ ލެވެލްއަށް އަމިއްލަ ސްކޫލުތަކުން ކިޔެވޭނީ، އަމިއްލައަށް ފީ ދައްކައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ފަސް މާއްދާއިން މަތިން އޯލެވެލްގައި ފާސްވާ ކުދިން, އަމިއްލަ ސްކޫލުތަކުން އޭލެވެލް ހެދުމަށް ދައްކަން ޖެހޭ ފީ, ސަރުކާރުން ދައްކައިދޭން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން އައި ހުރިހާ ސަރުކާރަކުން ވެސް އައީ އެ އުސޫލަށް އަމަލުކުރަމުންނެވެ.
އެހެންކަމުން މާލޭގައި ހިންގާ, އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަލް ހައި ސްކޫލުން ގިނަ ކުދިންތަކެއް ވަނީ އޭލެވެލް އަށް ކިޔަވަން ފަށައިފައެވެ.
އަހުމަދިއްޔާ ސްކޫލުން ސަން އޮންލައިން އަށް މައުލޫމާތު ދިން ގޮތުގައި ސަރުކާރުން އޭލެވެލް ކުދިންނަށް ދައްކަމުން ގެންދިޔަ ފީ ދެން ދައްކައި ނުދޭނެކަން މި ފަހުން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން ކިތަންމެ ނަތީޖާ ރަނގަޅު ކުއްޖެއް ނަމަވެސް ދެން އަހުމަދިއްޔާއިން އޭލެވެލްއަށް ކިޔަވަން ޖެހޭނީ އަމިއްލައަށް ފީ ދައްކައިގެންނެވެ. އެގޮތުން، އެޑްމިޝަން ފީއެއްގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭއިރު ކޮންމެ މަހަކު މަހު ފީއެއްގެ ގޮތުގައި ގްރޭޑް 11 އާއި 12 ގެ ދަރިވަރުން 3500 ރުފިޔާ ދައްކަން ޖެހެއެވެ.
ވިލާ ހައި ސްކޫލަށް ބަލާއިރު މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އާ ބެޗުގެ ކިޔެވުން ފެށިއިރު މި ސަރުކާރުން ވަނީ ކުދިންގެ ފީ ދެއްކުން ހުއްޓާލާފައެވެ. އެ ސްކޫލުން އޭލެވެލް ހެދުމަށް ވަނުމުގެ ފީއަށް 2500 ރުފިޔާ ދައްކަން ޖެހޭއިރު މަހު ފީއެއްގެ ގޮތުގައި 3900 ރުފިޔާ ދައްކަން ޖެހެއެވެ.
އެހެންކަމުން މާލެ ސަރަހައްދުގައި މިހާރު އަމިއްލައަށް ފީ ނުދައްކައި އޭލެވެލް ކިޔެވޭނީ ސަރުކާރުން ހިންގާ, ސީއެޗްއެސްސީ އިން އެކަންޏެވެ.
މި ކުއްލި ބަދަލާއެކު ގިނަ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ބައެއް ބެލެނިވެރިން ބުނީ، އަހުމަދިއްޔާ ފަދަ ބައެއް އަމިއްލަ ސްކޫލުތަކުން އެ މީހުންގެ ދަރިންނަށް އޭލެވެލްއަށް ކިޔަވައިދޭން ބޭނުން ވަނީ އަހުލާގީ ގޮތުން އެ ގޮތް ކުދިންނަށް މާ ރަނގަޅުވުމުން ކަމަށެވެ. ނަމަވެސް، ނަތީޖާ ކިތަންމެ ރަނގަޅަސް މި ފުރުސަތު މިހާރު ނުދިނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ބެލެނިވެރިން ބުންޏެވެ.
މިކަމާގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ގޮތުން ޕްރައިވެޓް ސްކޫލުތަކަށްދާ ކުދިންގެ ފީ ދެއްކުމަކީ ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށެވެ.
ޝަފީއު އިތުރަށް ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތު ހިލޭ ލިބިފައިވާއިރު، ސަރުކާރުގެ ސްކޫލަކަށް ވަންނަން ބޭނުން ނުވެ، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަކަށްދާ ކުއްޖެއްގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި ގްރޭޑް 11 އަދި 12 އަށް ވަކި ގޮތެއް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި އެގޮތަށް އެކަން ކުރާނަމަ ގްރޭޑް 1ން ފެށިގެން 10އަށް ސަރުކާރުގެ ސްކޫލަކަށް ވަންނަން ނޭދި އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަށް ވައްދާ ކުއްޖާއަށް ވެސް ފީދައްކަން ވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.






