މިދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރަކަށް ވާތީ ކަރަންޓް އިގުތިސާދު ކުރުމުގެ ގޮތުން އޭސީ ފަދަ ތަކެތި އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެދިވަޑައިގެންފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން މީސްމީޑިއާގައި މިއަދު ވިދާޅުވީ ރާއްޖެއަށް މިއީ ހޫނު ގަދަ ދުވަސްވަރަކަށްވާތީ އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާ ކަމަށެވެ. އެހެންވެ އެންމެންވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ވިދާޅުވި އެވެ.
”ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން،“ ފަހްމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެގޮތުން އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވެ އެވެ. އަދި މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި ކަމަށ ފަހްމީ ވިދާޅުވި އެވެ.
”އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމައުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިއްމު ކަމެއް. ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަމާ“ މެސެޖް ނިންމަވާ ލައްވަމުން ފަހްމީ ވިދާޅުވި އެވެ.