ބ. ކެންދުައަށް ދިމާވެފައިވާ ކަރަންޓުގެ ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް އާ ޖެނެރޭޓަރެއް ގެންގޮސް، 48 ގަޑިއިރުތެރޭ ގައި މައްސަލަ ހައްލުކުރަން މަސައްކަތް ކުރާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ކެންދޫން ކަރަންޓު ކެނޑޭތާ ހަ މަސް ވެފައިވާ ކަމަށާއި، އިއްޔެ މެންދުރު ފަހުން ފެށިގެން ކަރަންޓު ކެނޑިފައި އޮތް ކަމަށް، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު، މައުރޫފް ޒާކިރު ރޭ ވަނީ ވިދާޅުވެފައެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކެންދޫއަށް ކަރަންޓު ފޯރުކޮށްދެނީ 400 ކިލޯވޮޓްގެ ދެ ޖެނެރޭޓަރާއި 250 ކިލޯވޮޓްގެ ޖެނެރޭޓަރަކުން ކަމަށެވެ. އެރަށަށް ކަރަންޓުގެ މައްސަލަ ދިމާވީ އޭގެތެރެއިން 400 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓަށް ފެނާއި ތެޔޮ އެއްވުމުގެ މައްސަލައެއް ދިމާވެގެން ކަމަށް އެ ބަޔާނުގައި ވެއެވެ.
އެ މައްސަލަ ފާހަގަވުމާއެކު ހެޑް އޮފީހުގެ ޓެކްނިކަލް ޓީމެއް އެރަށަށް ގޮސް، އެ ޖެނެރޭޓަރު ސެޓު އޯވަހޯލް ކުރިކަމަށާއި ނަމަވެސް، އޯވަހޯލްކޮށް ހިންގަންފެށިތާ 15 ދުވަސްފަހުން އިތުރު މައްސަލައެއް ދިމާވެ ޖެނެރޭޓަރު ސެޓު ބޭނުން ނުކޮށް ނިވާލަން ޖެހުނު ކަމަށް އެ ބަޔާނުގައި ވެއެވެ.
ބާކީ ހުރި ދެ ޖެނެރޭޓަރުން ރަށަށް ބޭނުންވާ މެކްސިމަމް ލޯޑު ނުދެވޭތީ ބައެއް ފީޑަރުތަކުން ކަރަންޓު ކަނޑަން ޖެހުނުކަން ފާހަގަކޮށް ފެނަކައިން ބުނީ މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުމަށް ރޭ ޓެކްނިކަލް ޓީމެއް އެ ރަށަށް ފޮނުފައި ދަންވަރު 1:15 ހާއިރު މުޅި ރަށަށް ކަރަންޓު ދެވުނު ކަމަށެވެ.
އަދި މިއަދުގެ ވަގުތެއްގައި 400 ކިލޯވޮޓްގެ އާ ޖެނެރޭޓަރު ސެޓެއް އެރަށަށް ފޮނުވައި 48 ގަޑިއިރުތެރޭ ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ކަމަށް ބަޔާނުގައި ވެެއވެެ.
މިކަމާއި ގުޅިގެން ކެންދޫ ކައުންސިލުގެ ރައީސް އިބްރާހީމް އަބްދުއްރަހުމާން ވިދާޅުވީ ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާތާ ހަ މަސް ވެފައިވާ ކަމަށެވެ. އަދި މި މައްސަލަ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށް އެންގުމާއެކު، ފެނަކައިންނާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވެސް އޮތީ ރޯދައިގެ ކުރިން ކަރަންޓުގެ މައްސަލަ ހައްލުކޮށްދޭން ބުނެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، 1،400 މީހުންގެ އާބާދީއެއް އޮންނަ ކެންދޫން ރޯދަމަސް ނިމުނުއިރު ވެސް އެ މައްސަލަ ހައްލުވެފައި ނުވާކަމަށް އިބްރާހީމް ވިދާޅުވިއެވެ.
ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ވަރަށް ބޮޑު ވެފައިވާއިރު މި ސަރުކާރުން ބުނަނީ ، އެ މައްސަލަތައް ދިމާވާ މައިގަނޑު ސަބަބަކީ، އަތޮޅުތެރޭގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އިންޖީނުގެތައް އަދާހަމަނުކޮށް ކުރުން ކަމަށެވެ.