ފެނަކައާއި ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”މަގޭ ސޯލާ“ ޕްރޮގްރާމްގެ ދަށުން ގޭގޭގައި ސޯލާ ހަރުކުރުމުގެ އަމަލީ މަސައްކަތް މިމަހު ތެރޭގައި ފެށިގެން ދާނެކަމަށް ތިމާވެއްޓާއި މޫސުމީ ބަދަލުތަކާއި ހަކަތައާބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މކަން ހާމަކުރެއްވީ، ޕީއެސްއެމްނިއުސްގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ތޯރިގް މި މޭރުމުން ވާހަކަ ދައްކަވާފައިވާ އިރު ފެނަކަ، އޭދަފުށި ބްރާންޗުން ވެސް ވަނީ އޭދަފުށީގައި މި ފްރޮގްރާމް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް މިހާރު ލިބިފައިވާ ކަމަށާއި މި މަހުގެ ތެރޭގައި މަސައްކަތް ފެށުމުގެ އުއްމީދު ބޮޑުކަމަށް ވިދާޅުވެފައެވެ.
މި ޕްރޮގްރާމްގެ އިތުރު ތަފްސީލު ހާމަކުރައްވަމުން މިނިސްޓަރު ތޯރިގް ވިދާޅުވިގޮތުގައި ފެނަކަ ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބޭނުންކުރާނެ ސޯލާ ސިސްޓަމްތައް މިހާރުވަނީ ރާއްޖެ ގެނެސް ފެނަކައާ ހަވާލުކުރެވިފައެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 7 މެގަވޮޓުގެ ސޯލާ ޕެނަލް ގެނައުމަށް ރޭވިފައިވާކަމަށާއި، މިކަމަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކުރެވޭ ރަށްރަށުގައި ބެޓެރީ ސިސްޓަމްވެސް ގާއިމު ކުރެވޭނެ ކަމަށާއި، މި މަސައްކަތް ވަރަށް އަވަސް ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
އޭޑީބީގެ އެހީގައި ހިންގޭ މި މަޝްރޫއަކީ ރައްޔިތުންގެ ކަރަންޓު ބިލަށް ލުއި ހޯދައިދިނުމަށާއި، އިޔާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ހިންގޭ ޕްރޮގްރާމެއްކަން ފާހަގަކޮށްލެވެއެވެ.