ސޮނޭވާފުށި ރިސޯޓްގެ އެހީތެރިކަމާއެކު އަހަރަކު އެއްފަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް4އާއި 5ގެ ދަރިވަރުންގެ މެދުގައި ބާއްވަމުން އަންނަ ކެއްކުމުގެ މުބާރާތް ” ބޮޑުކައްކާ ” އިއްޔެ އެ ސްކޫލް ގައި ބާއްވައިފިއެވެ.
މުބާރާތް ބޭއްވުމުގެ މަގްސަދެއްކަމުގައި ސްކޫލްގެ ލީޑިންގ ޓީޗަރ އިހްސާނާ މުހައްމަދު ވިދާޅުވީ ކުދިންގެ މެދުގައި ކެއްކުމުގެ ޝައުގުވެރިކަން އުފެއްދުމާއެކު ޕްރޮފެޝަނަލް ޝެފަކަށް ވުމުގެ ދޮރު އެކުދިންނަށް ހުޅުވައިދިނުން ކަމުގައެވެ.
އިހްސާނާ ވިދާޅުވީ މި މުބާރާތް މިހާ ކާމިޔާބާއެކު ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމުގައި ސޮނޭވާފުށި ރިސޯޓާއި އެރިސޯޓުގެ ޝޫޝެފް އަބްދުﷲ ސަބާހުގެ އެހީތެރިކަމާއި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭކަމުގައާއި އެކަމަށް ޓަކައި އެފަރާތްތަކަށް ޝުކުރުއަދާކުރާކަމުގައެވެ.
މި މުބާރާތަށްއިންސާފުކޮށްދިނުމުގައި ޖަޖުންގެ ކަންތަކާއި ކެއްކުމަށް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދެނީ ސޮނޭވާފުށިންނެވެ.
ގްރޭޑް 4،5ގެ ދަރިވަރުން ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މިބާރާތުން ވަނަތައް ހޯދާ ކުދިންނަށް ދޭ އެވޯޑާއި ފައިސާގެ އިނާމުގެ އިތުރުން ހޮވާލެވޭ ފަރާތްތަކަކަށް ދޭ ފައިސާގެ އިނާމާއި މެޑެލް އަކީ ޝޫޝެފް އަބްދުﷲ ސޮބާހުގެ ފަރާތުން ކަނޑައަޅާފައިވާ އިނާމާއި މެޑެލްް ކަމުގައި ސްކޫލުން ބުނެއެވެ.
މި މުބާރާތުން އެއްވަނަ ހޯދި ވޯޓަރމެލަން ގްރޫޕަށް އެކުދިންގެ ބެލެނިވެރިންނާއެކު އެއްދުވަހު ސޮނޭވާފުށީގައ ހޭދަކުރުމުގެ ފުރުސަތު އެރިސޯޓުން ވަނީ ދީފައެވެ. ވޯޓަރމެލަން ޓީމް އެއްވަނަ ހޯދާފައިވަނީ ކޮންމެ ޓީމަކުންވެސް މުބާރާތަށް ތައްޔާރުކުރަންޖެހޭ ޑިޝް ގެތެރެއިން އެއްވަނަ ޑިޝްއަކަށް އެޓީމުން ތައްޔާރުކުރި ޑިޝް ހޮވިގެންނެވެ. މުބާރާތުގައި ކޮންމެ ޓީމަކުންވެސް ތައްޔާރުކުރަން ޖެހެނީ ސުޕަކާ ސެލެޑަކާ މެއިންޑިޝްއެއްގެ އިތުރުން ޑެޒާޓެކެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދީފައިވަނީ ސޮނެވާފުށީ ރިސޯޓްގެހެޑް ޝެފް ސެނަކަ ޕެރޭރާ އާއި ކޮކޯ ޕާމްގެ އެގްޒެކެޓިވް ޝެފް ފާއިޒު ހުސައިން އާއި ރޯޔަލް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފް އިލްޔާސް އެވެ.
މުބާރާތުން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމުދިނުމާއި އެންމެމޮޅު ޑިޝްއެއް ތައްޔާރުކުރަން ދަސްކޮށްދިން ފަރާތަކަށް އިނާމާއި މެޑެލްދިނުން އޮންނާނީ ގްރޭޑް4،5 ގެ ހަރަކާތްތައް ނިންމުގެ ގޮތުން މިއަހަރު ފަހުކޮޅު އެ ސްކޫލުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައިކަމަށް ސްކޫލުން ބުނެއެވެ.