ބ. އޭދަފުށީގަައި އަލަށް ހަދާ ބަނދަރު މަސައްކަތުގެ ތެރެއިން ކުރިއަށްދާ ނެރު ފުންކުރުމުގެ މަސައްކަތުގެ 93 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، އަލަށް ހަދާ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 87 އިންސައްތަ ވެސް ވަނީ ނިމިފައެވެ. މީގެ އިތުރުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންދެވި، މިހާރު ކުރިއަށްދަނީ ގާ އެތުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުނެއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 64.67 މިލިއަން ރުފިޔާއަށެވެ.
މިމަޝްރޫއުގެ ދަށުން ކުރަން ޖެހޭ ކަންތައް ތަކުގެ ތެރޭގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން 28304 ކޮޑި މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި 3354 ކޮޑިމީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 402 މީޓަރުގެ އެއްގަމުތޮށިލުން ހިމެނެ އެވެ. އަދި 170މީޓަރުގެ ބޭރު ތޮށި ލުމާއި 383 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 11މީޓަރު 11މީޓަރުގެ ރޭމްޕެއްވެސް ހަދަން ޖެހެއެވެ.
މީގެ އިތުރުން، 402 މީޓަރުގެ ކުއޭ ވޯލްއެއް، 170 މީޓަރުގެ ބްރޭކްވޯޓަރެއް، 383 މީޓަރުގެ ރިވެޓްމަންޓެއް، އަދި 18 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ބްރިޖެއް އަދި ރެމްޕެއް ހެދުން ހިމެނެއެވެ. އަދި 1,814 އަކަ މީޓަރުގެ ޕޭވްމަންޓެއް އެޅުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން ކުރިއަށް ގެންދާނެއެވެ.