ބްރޯޑްބޭންޑާ ގުޅޭ ޕޮލިސީއެއް ހަދައި އިންޓަނެޓް އަގުހެޔޮ ކުރަނީ

E674F172-426B-4F46-A32C-DE9FB6186BD7-800x400.jpeg

އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ބްރޯޑްބޭންޑް ޕޮލިސީއެއް ހަދައި އިންޓަނެޓު އަގުހެޔޮ ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ބްރޯޑްބޭންޑް ޕޮލިސީ ހަދައި ތަންފީޒުކުރަން ފެށުމުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ މަސް ނިމިގެން ދާއިރު ބާކީ ހުންނަ ޑޭޓާ، ޖެހިގެން އަންނަ މަހު ބޭނުން ނުކުރެވުމުގެ މައްސަލަ އެ ޕޮލިސީއާ އެކު ހައްލުވެގެން ދިއުންކަމަށް ވިދާޅުވި އެވެ.

”އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ މާތް ﷲގެ ވާގިފުޅާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެއަށްދެވޭ އިންޓަނެޓްގެ އަގު ހެޔޮވެގެން ދާނެ،އެކަމާ ޝައްކު ނުކުރައްވާށޭ ” މަލީހު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު އަހުމަދު އަފްޒަލް ވިދާޅުވި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ބްރޯޑްބޭންޑް ޕޮލިސީ ހަދާފައިވާ ގޮތުގެ އެސެސްމަންޓެއް ހަދާފައިވާ ކަމަށާއި އެހެންވެ އީޔޫ ޕޮލިސީތަކަކީ ބެންޗްމާކެއް ކަމަށް ބަަލައިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އޭނާ ވިދާޅުވީ އީޔޫ ގައުމުތަކުގައި ބްރޯޑްބޭންޑް ކަމަށް ބަޔާންކޮށްފައި ވަނީ 30 އެމްބީޕީއެސް ކަމަށާއި ރާއްޖޭގައި ވެސް އެއާ އެއް ވަރެއް ނުވަތަ ކައިރިކުރާ އަދަދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންޓަނެޓް އަގުހެޔޮކުރުމާ ގުޅޭގޮތުން ކޮމިއުނިކޭޝަން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ނިންމައި މިދިޔަ ޖޫން މަހު ވަނީ ރައީސް އޮފީހަށް ފޮނުވައިކަމަށް މިނިސްތަރު މަލީހުވަނީ ކުރިން ވިދާޅުވެފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިންޓަނެޓުގެ އަގު ހެޔޮވެގެން ދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގައި ވަނީ ވިދާޅުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top