އޭދަފުށި ކަޕް: ހުސް ސޮނގުން އެއްވަނައިގަ ސެމީއަށް

544985297_1092097059773440_8781755070918261241_n-1536x1025-1.jpg

ފޮޓޯ: އިމޭޖަސްއެމްވީ

އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕް 2025 ގައި ހުސް ސޮނގުން އެފްޓީން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ހިނގައްޖެ އެވެ.

އިއްޔެ ހަވީރު ކުޅުނު އޭދަފުށީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި، އާޖީލަކަށް އޭދަފުށި ފުޓްބޯލް އެކަޑެމީ އާއި ވާދަކޮށްގެން ހުސް ސޮނގުން މޮޅުވީ 7-1 ގެ ބޮޑު ތަފާތަކުންނެވެ.

ގްރޫޕް ބީގައި ކުޅުނު ދެމެޗުވެސް ހުސް ސޮނގުން ޓީމު ކާމިޔާބުކޮށްފައިވާ އިރު، އިއްޔެގެ މެޗަކީ އާޖީލަކަށް އޭދަފުށީ ޓީމް، މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އާޖީލަކަށް އޭދަފުށި ޓީމުގައި، އެންމެ ކުޅުންތެރިއެއް ފިޔަވާއި ދެންތިބީ މުޅިންވެސް 16 އަހަރުން ދަށުގެ ކުޅުންތެރިންކަން ފާހަގަ ކުރެވެއެވެ.

ޒުވާން ޓީމު ކައިރިން ހުސް ސޮނގުން މޮޅުވިއިރު ފުރަތަމަ ހާފުގައި އެޓީމުން ތިން ގޯލު ޖެހިއެވެ. އިބްރާހީމް އޮލަޑިމޭޖީ ޖިމޯއާއި އަލީ އިރުފާދު (އިރުއްޕެ) އަދި ޝާފިއު މުހައްމަދު އެޓީމުގެ ގޯލުތައް ކާމިޔާބުކުރި އިރު، އެޓީމުން އުފެއްދި އަނެއް ހަމަލާތައް މަތަކުރީ އާޖީލަކަށް އޭދަފުށީގެ ގޯލްކީޕަރު، އުމުރުން އެންމެ 13 އަހަރުގެ އަލީ ނައުހާން މޫސާ އިމްރާނެވެ.

ނައުހާން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ދެވަނަ ހާފުގައި ހުސް ސޮނގުންގެ ބިދޭސީ ފޯވަޑް އިބްރާހީމްގެ ދެ ގޯލާއެކު އޭނާ ހެޓްރިކް ފުރިހަމަކުރި އިރު، އަނެއް ގޯލުތައް ޖެހީ މުހައްމަދު އަޖުފާނާއި ސާއިދް އަބޫބަކުރެވެ.

މެޗުގައި އާޖީލަކަށް އޭދަފުށިން ޖެހި ހަމައެކަނި ގޯލަކީ، ހިތްގައިމު ހިލޭ ޖެހުމެއްގައި މުހައްމަދު އާލަމް އަކްރަމް ޖަހައިދިން ގޯލެކެވެ.

މިފަހަރުގެ އޭދަފުށި ކަޕު ކުޅެމުން ދަނީ ހަ ޓީމާ އެކުގައެވެ.  ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖު ކުރިއަށްދާ އިރު، ވެލާ ސްޕޯޓްސް ކްލަބާއި އާއި އިރުމަތީ އެފްސީގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ ޓީމް މިޑްލް އީސްޓެވެ.

ގްރޫޕް ބީގައި ހުސް ސޮނގުން ފުޓުބޯޅަ ޓީމާއި ސީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އާޖީލަކަށް އޭދަފުށި ފުޓުބޯޅަ އެކަޑެމީ ހިމެނޭ އިރު، މިއަދު އޮންނަ ގްރޫޕް އޭގެ ފަހު މެޗުގައި އިރުމަތި އެފްސީ ނުކުންނާނީ މިޑްލް އީސްޓާ ދެކޮޅަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top