ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ދަށުން ފަޅުރަށްތައް ހޯދުމަށް ކައުންސިލް ތަކަށް މިހާރު ހުށަހެޅޭނެ ކަމަށް ލޯކަލްގަވަރުމަންޓް މިނިސްޓަރު އަދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
ސޯޝަލްމީޑއާގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ފަޅުރަށްތައް ހޯދުމަށް ކައުންސިލްތަކުން ހުށަހަޅަމުންވެސް ދާ ކަމަށެވެ.
ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ އުސޫލެއް އެކުލަވާލައްވައި، އެ އުސޫލުގެ ދަށުން ކައުންސިލްތަކުން މިހާރު އަންނަނީ ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅުއްވަމުންކަމަށާ މި ޕްރޮޕޯސަލްތައް މިހާރު މުރާޖައާ ކުރަމުންދާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރަށުން ނަގާ ޓެކްސްގެ %10 ކައުންސިލްތަކަށް ލިބޭނެ ނިޒާމެއް ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިދިިކޮޅު އެމްޑީޕީ އިން ތުހުމަތުކޮށްފައި ވަނިކޮށެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ކައުންސިލްތައް ތަފާތު ނުކުރައްވާ ކަމަށެވެ. އަދި ކައުންސިލް އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް 50 ކައުންސިލް އިދާރާއެއް މުޅިން އަލަށް އިމާރާތް ކުރުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ކައުންސިލް އިދާރާ އެޅުމަށް 50 ޕޮރަޕޯސަލް ލިބި މިހާރު ރިވިއުކޮށް އިކޮނޮމިކް ކައުންސިލްގެ ކޮމިޓީއަކަށް ހުށަހަޅާފައިވާ ކަމަށެވެ.
ކޮންމެ ކައުންސިލަކަށް ފަޅު ރަށެއް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.